ދިއްލީ (އޮކްޓޯބަރު 1): އިންޑިއާގެ އުތުރުގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން 140އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓު (އައިއެމްޑީ)އިން ބުނި ގޮތުގައި މިފަހަރުގެ ވިއްސާރަ މޫސުމުގައި ވާރޭ ވެހުނީ އާއްމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ 10 ޕަސެންޓު އިތުރަށެވެ. އަދި އެއީ ފާއިތުވި 25 އަހަރު ތެރޭ އެގައުމަށް އެހާވަރަށް ވާރޭ ވެހުނު ފުރަތަމަ ފަހަރެވެ.

ވިއްސާރައިގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ އެއް ސްޓޭޓު ކަމަށްވާ އުއްތަރަ ޕްރަދޭޝްގައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ފަހުން 104 މީހަކު މަރުވެފައިވެ އެވެ. އަދި ބިހާރަށްވެސް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 29 މީހަކު މަރުވި އެވެ.

މީގެ އިތުރުން އުއްތަރަޚަންދު، މަދުޔަ ޕްރަދޭޝް އަދި ރާޖަސްތާނުން ވަނީ 13 މީހަކު މަރުވެފަ އެވެ.

އައިއެމްޑީން ބުނި ގޮތުގައި އާއްމު ގޮތެއްގައި އެގައުމަށް ވިއްސާރަ މޫސުން އަންނަނީ ޖޫން މަހުން ސެޕްޓެމްބަރު މަހަށެވެ. ނަމަވެސް މިފަހަރު ވިއްސާރަ މޫސުން ފެށުނީ ލަހުންނެވެ. އަދި މި މޫސުން ނިމޭނެ ކަމަށް ބެލެވެނީ އަންނަ ހަފްތާގެ ފަހުންނެވެ.

އިންޑިއާގެ ނެޝަނަލް ޑިޒާސްޓާ ރިލީފް ފޯސްއިން ވަނީ ބިހާރުގެ ޕަޓްނާއިން އެކަނިވެސް ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ 4،000 މީހުން މިހާރު ސަލާމަތްކޮށްފަ އެވެ. އަދި އެގައުމުގެ އެއާ ފޯސް އިން ދަނީ ބައެއް ސަރަހައްދުތަކަށް ކާނާ ފޯރުކޮށްދިނުމަށް ހެލިކަޕްޓަރު ބޭނުން ކުރަމުންނެވެ.