ސަރުކާރުން އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން 2011 ވަނަ އަހަރު ހދ. ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވާ ތިން ރަށެއްގެ އާއިލާތަކުގެ ތެރެއިން މިހާތަނަށް ދާއިމީ ބޯހިޔާވަހިކަން ލިބިފައިނުވާ އާއިލާތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ފަށައިފި އެވެ.

ނޮޅިވަރަމްފަރަށް ބަދަލުކޮށްފައި ވަނީ، ފަރިދޫ، ކުނބުރުދޫ އަދި މާވައިދޫގެ އާއިލާތަކެވެ.

ނޮޅިވަރަންފަރު ކައުންސިލުން ބުނީ އެރަށަށް ބަދަލުކުރި 52 އާއިލާއަކަށް އަދިވެސް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން އެ އާއިލާތަކަށް ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ ބަދަލުގެ ފައިސާގެ ތެރެއިން ފުރަތަމަ ދިނުމަށް ހަމަޖެހިފައިވާ ފައިސާ ކައުންސިލަށް މިހާރު ލިބިފައިވާ ކަމަށެވެ.

ކޮންމެ އާއިލާއަކަށް ބަދަލުގެ ގޮތުގައި ސަރުކާރުން ދިނުމަށް ނިންމާފައި ވަނީ 156،000 ރުފިޔާ އެވެ. އެއީ މީހުން ބަދަލުކުރި ހިސާބުން ފެށިގެން ފާއިތުވި މުއްދަތުގައި، ކޮންމެ މަހަކަށް 3000 ރުފިޔާގެ ރޭޓުންނެވެ.

އެރަށު ކައުންސިލުން ބުނީ ހައުސިން މިނިސްޓްރީން ކައުންސިލަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ ބަޖެޓުގެ ތާށިކަމުގެ ސަބަބުން އެއްފަހަރާ އެ ފައިސާ ދެވެން ނެތް ކަމަށާއި ފައިސާ ދިނުމަށް ނިންމާފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި ކޮންމެ އާއިލާއަކަށް ދިނުމަށް ހަމަޖެހިފައި ވަނީ 117،000 ރުފިޔާ އެވެ.

ކައުންސިލުން ބުނީ ބަދަލު ފައިސާ ލިބެންވާ ގޭގެ ވެރިފަރާތްތަކުން މިއަދުން ފެށިގެން އޮފީސް ހުޅުވިފައި ހުންނަ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 12:00 އާއި ދޭތެރޭ، ދެ ހެކިންނާއި އެކު ކައުންސިލް އިދާރާއަށް ގޮސް ފައިސާއާއި ހަވާލުވުމަށް އެދޭ ކަމަށެވެ.

ފައިސާއާއި ހަވާލުވާން ދާއިރު ގޭގެ ވެރިފަރާތުގެ އައިޑީ ކާޑާއި ދެހެކިންގެ އައިޑީކާޑު ގެންދަން ޖެހެ އެވެ.

ކައުންސިލުން ބުނީ ގޭގެ ވެރިފަރާތް ނިޔާވެފައިވާ ގޭގެ ފައިސާއާއި އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް ރަޖިސްޓްރީކޮށްފައިވާ ގޭގެ ފައިސާ ހަވާލުކުރެވޭނީ ހައުސިން މިނިސްޓްރީގެ ލަފަޔާއި އެކު ޝަރުއީ ކޯޓު މެދުވެރިކޮށް ކަމަށެވެ.