ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު 33 ޕަސެންޓް ދަށް ކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަމާޒު ހިފައިފި އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ، ބޮޑު މައްސަލައެކެވެ. އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ 63،000 އަށް ވުރެ ގިނަ ބިދޭސީންނަކީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމަށެވެ.

ސަރުކާރުން ރޭ އިފްތިތާހު ކުރި، ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައިވާ ގޮތުން، މިސަރުކާރުގެ ދައުރު ނިމެންވާއިރަށް، އަމާޒަކީ މިއަހަރާ އަޅާބާލާއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 33 ޕަސަންޓް ދަށް ކުރުމެވެ.

ސަރުކާރުން މިހާރުވެސް ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު މަދު ކުރުމަށް މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން އެންމެ ގިނަ ބިދޭސީ މަސައްކަތްތެރިން އަންނަ ގައުމު ކައުމުގައިވާ ބަންގްލަދޭޝް އިން މަސައްކަތްތެރިން ގެނައުން ވަގުތުން ހުއްޓާލުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިމަވާފައެވެ. އަދި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ދެވަނަ ފުރުސަތުދީ، ގަވާއިދަށް ވެއްދުމަށް އެ ބިދޭސީން އަލުން ރަޖިިސްޓްރީ ކުރުމުގެ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. މި ޕްރޮގްރާމް ހަ މަސް ދުވަސް ވަންދެން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ވަނީ ނިންމާފައެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ ޕްރޮގްރާމް އެންމެ ފުރަތަމަ ފެށީ ކުރީގެ ޕިޖީ އޮފީސް އިމާރާތުގައި ބައެއްގައި ހާދާފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓްގައެވެ. މިނިސްޓްރީގެ ވަސީލަތްތައް މަދުވުމުގެ ސަބަބުން ދުވާލަކަށް ދޫކުރަމުން އައީ 100-150 ކިއު ނަންބަރެވެ. އެއާއެކު ކޮންމެ ރެއަކުވެސް ބިދޭސީން ދިގު ކިއުތަކެއް އެސަރަހައްދުގައި ހަދައެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައި ވަނީ އެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށެވެ. އެ މައްސަލައަށް ހައްލު ހޯދައި ދިނުމަށްޓަކައި، ޔޫތު މިނިސްޓްރީއާ ގުޅިގެން ކިއު ނަންބަރު ދޫކުުރުން ގަލޮޅު ދަނޑަށް ބަދަލު ކުރުމަށް މިނިސްޓްރީން މިހާރު ވަނީ ނިންމަވާފައެވެ.

އެއާއެކު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ދެން ކިއު ނަންބަރު ދޫކުރުމަށް ހަމަޖެހިފައި ވަނީ، ހެނދުނު 09:00 އިން ހަވީރު 5:00 އަށް ގަލޮޅު ދަނޑުންނެވެ.