03 Oct 2019, 16:55
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި އިސްލާމް ދީނާ ހިލާފު ގިނަ ވާހަކަތަކެއް ހުރުމުން، އެ ރިޕޯޓު ވަގުތީ ގޮތުން ނަގައި، މައާފަށް އެދިއްޖެއެވެ.
އެއީ އެ ޖަމިއްޔާއިން 2015 ވަނަ އަހަރު ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި ކޮށްފައިވާ ދިރާސާއެކެވެ.
އެ ރިޕޯޓުގައި ކީރިތި ޤުރްއާނާއި ސުންނަތާ ހިލާފު ވާހަކަތައް ހުއްޓެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
މައްސަލަ ހޫނުވުމުން އެމްޑީއެން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިރާސާ ރިޕޯޓުގައި ހިމެނޭ ބައެއް ބައިތަކުގައި ބޭނުންކޮށްފައިވާ ބައެއް ބަހުރުވައާއި ވާހަކަތައް ގެނެވިފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަދި ރިޕޯޓު ގެނެވިފައި އޮތް ގޮތުން އާންމުންގެ ތެރޭގައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވާކަން ދެނެގަނެ، ރިޕޯޓުގައިވާ މިފަދަ ބައިތަކަށް ނިހާޔަތަށް މައާފަށް އެދެމެވެ." އެމްޑީއެންގެ ބަޔާނުގައިވެއެވެ.
އޭގެ އިތުރުން ވަގުތީ ގޮތުން ރިޕޯޓު އަނބުރާ ގެންގޮސް، ދީނީ އިލްމުވެރިއެއްގެ އެހީގައި ރިޕޯޓު އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
އެމްޑީއެން އިން ބުނީ އެ ޖަމިއްޔާއަކީ އިސްލާމްދީނަށާއި ދިވެހި ސަގާފަތާއި ގާނޫނުތަކަށް އިހްތިރާމްކުރާ ޖަމިއްޔާއެއް ކަމަށާއި މީގެ ފަހުން އެ ޖަމިއްޔާގެ ފަރާތުން އެފަދަ އަމަލެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
މި ރިޕޯޓުގައި ހުރި ވާހަކަތަކާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ބައެއް ފަރާތްތަކުން އެމްޑީއެން އާއި އެ ޖަމިއްޔާގެ މެމްބަރުންނާއި މުވައްޒަފުންނަށް ނުހަނު ގިނައިން ފުރައްސާރަކޮށް، އިންޒާރުދީ، ފުރާނައަށް ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރުދެމުން އަންނަ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
"މިއީ އިސްލާމްދީނުގެ ރިވެތި އުސޫލުކަމުގައި އަޅުގަނޑުމެން ނުދެކެވެ. ރިޕޯޓާމެދު އުފެދުނު ހިތްހަމަނުޖެހުން ސުލްހަވެރިކަމާއެކު ހިއްސާކޮށް، ގޯހެއް ހެދިފައިވާނަމަ އެކަން ރަނގަޅުކުރުމަށް ނަސޭހަތްތެރިވުމަކީ ޒިންމާދާރު ގޮތް ކަމުގައި ދެކެ، އެގޮތަށް އަމަލުތައް ބެހެއްޓުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ،" އެމްޑީއެންގެ ބަޔާނުގައިވެއެވެ.