ޔޫތް މިނިސްޓްރީން 6.1 މިލިއަން ރުފިޔާގެ ބޮޑު ޚަރަދަކާ އެކު އައްޑޫ ސިޓީގައި މުޅިން އަލަށް ބިނާކުރި އިންޑޯ ހޯލުގެ މަސައްކަތް ނިންމައި، 21 އަހަރުން ދަށުގެ ސައުތް އޭޝިއަން ރީޖަނަލް ބެޑްމިންޓަން މުބާރާތަށް މިރޭ ފަށައިފި އެވެ.

ސަރުކާރުން ރާއްޖޭގައި ބައިނަލް އަގުވާމީ މުބާރާތްތައް ބޭއްވުމުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ސާކްގެ ހަތް ޤައުމުގެ މެދުގައި ބާއްވާ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް އައްޑޫގައި މިރޭ ވަނީ ފަށައިފަ އެވެ. އެ މުބާރާތް ބޭއްވުމަށް މުޅިން އަލަށް ބިނާކުރި އިންޑޯ ހޯލުގެ މަސައްކަތް މިހާރު ވަރަށް ފުރިހަމައަށް ނިންމާފައިވާ އިރު އެ ތަން ބިނާ ކުރުމަށް ސަރުކާރުން 6.1 މިލިއަން ރުފިޔާގެ ބޮޑު ޙަރަދެއް ކޮށްފައިވާނެ ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

އަލަށް ބިނާ ކުރި މި އިންޑޯ ހޯލުގައި ޖުމްލަ ހަތަރު ކޯޓް ހިމެނޭ އިރު މި ހޯލަކީ އޭޝިއާގެ ބެޑްމިންޓަން ޓްރެއިނިންގް އެޕްރޫވަލް ކޯޓެކެވެ. އެގޮތުން މި ހޯލުގެ ފްލޯރިންއާއި، ހޯލުގައި ބޭނުންކުރާ ހުރިހާ ވަސީލަތްތަކަކީވެސް ބެޑްމިންޓަން އޭޝިއާއިން ކަންޑަޅާފައިވާ މިންގަނޑަށް ފެތޭ ތަކެއްޗެވެ. މި ހޯލުގެ މަސައްކަތް ނިންމާލާފައި މިވަނީ އަމަލީ މަސައްކަތް ފެށިތާ 32 ދުވަހުގެ ތެރޭގައެވެ.

މުބާރާތުގެ ކުޅުން މިރޭ އަށެއް ޖަހާ އިރު ފެށި އިރު އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފާއިވަނީ ޓީމް އިވެންޓުގެ މެޗުތަކެވެ. އެގޮތުން މިއަދު ރާއްޖެ ވާދަކުރާނީ ޕާކިސްތާނާއި ދެކޮޅަށެވެ. މިމުބާރާތުގައި ސާކް ސަރަހައްދުގެ ހަތް ގައުމުން ޖުމްލަ 56 އެތްލީޓުން ވާދަކުރާނެއެވެ.

މިއަދު އައްޑޫގައި ފެށުނު މި ބެޑްމިންޓަން މުބާރާތުގެ ސަބަބުން މާލެއިން ކުޅިވަރުތައް ބޭރު ކުރުމަށް ކުރަމުންދާ މަސައްކަތައް ރަނގަޅު އަސަރެއް ކުރާނެ ކަމަށާއި ކުރިއަށް އޮތްތާ އެހެން ރަށްރަށުގައި ވެސް މިފަދަ މުބާރާތްތައް ބޭއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ.