11 Oct 2019, 17:58
ކިއާނޫ ރީވްސް ލީޑް ރޯލުން ފެނިގެންދާ މަގުބޫލު ފްރެންޗައިޒް ކަމަށްވާ "ޖޯން ވިކް"ގެ ސްޕިން އޮފް ފިލްމެއް ނެރެން ތައްޔާރުވެއްޖެ އެވެ.
"ބެލެރީނާ"ގެ ނަމުގައި ތައްޔާރުކުރާ މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ އަންހެން ފަންނާނެކެވެ. އަދި ފިލްމުގެ ގިނަ ރޯލުތައް ބިނާވެފައި އޮންނާނީ އަންހެން ކާސްޓަކަަށެވެ.
ފިލްމުގެ މަސައްކަތް ކުރާނީ ލަޔަންސްގޭޓުންނެވެ. އަދި ޖޯން ވިކްގެ ސްކްރިޕްޓުގައި މަސައްކަތް ކުރި ޝޭ ހެޓެން ވެސް ބެލެރީނާގައި މަސައްކަތް ކުރާނެއެވެ.
ބެލެރީނާއިން ޖޯން ވިކް ފެނިގެންދާނެ ކަމާ މެދު ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ޖޯން ވިކްގެ ތިން ފިލްމު މިހާތަނަށް ނެރެފައިވާއިރު އެންމެ ފަހު ފިލްމު "ޕެރަބެލަމް" ނެރެފައިވަނީ މިއަހަރުގައެވެ. އެ ފިލްމަށް ދުނިޔޭގެ ބޮކްސްއޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ވަނީ ލިބިފައެވެ. އެގޮތުން އެ ފިލްމު ވަނީ 323 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.
އެ ފްރެންޗައިޒްގެ ހަތަރުވަނަ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ މެއި މަހުގައެވެ.
ކިއާނޫ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ބެލުންތެރިން ބޭނުންވާ ވަރަކަށް ޖޯން ވިކް ކުޅެން ތައްޔާރު ކަމަށެވެ.