މަރުވެފައި އޮތް ޒުވާނަކު ހ. އަންނާރުމާގެ އިން ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:24 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، ހެންވޭރު ގެއެއްގައި ނިދާފައި އޮތް ޒުވާނަކު، ހަބަރެއް ނުވެގެން އާއިލާ އިން ބެލި އިރު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ފުލުހުންނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

މަރުވެފައި އޮތް އެ ޒުވާނާ ފެނުނުނު ހ. އަންނާރުމާގެއަކީ، ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލާފައިވާ ކަމުގެ ދައުވާ އުފުލާފައިވާ އިސްމާއިލް ހައިޝަމް ރަޝީދު ނިސްބަތްވާ ގެ އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، މަރުވެފައި އޮއްވާ ފެނިފައިވަނީ، އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، މަރުވެފައި އޮއްވައި ފެނުނީ، ޔާމީންގެ މަރާލުމުގައި ތުހުމަތުވާ ހައިޝަމްގެ ބޭބެ، ހ. އަންނާރުމާގޭ ހުސެއިން ހިޝާމް ރަޝީދު، 28 އެވެ. އޭނާ 2018 ގެ ސެޕްޓެމްބަރު މަހު މައްސަލައެއްގައި ހައްޔަރުކޮށް މާލޭ ޖަލުގައި ވެސް ބެހެއްޓި އެވެ.

ޒުވާނާ މަރުވެފައި އޮއްވާ ފެނުނު ހ. އަންނާރުމާގޭ ކައިރީ ފުލުހުން ހަރަކާތްތެރިވަނީ. -- ސަން ފޮޓޯ

ޔާމީން މަރާލީ މައްސަލައިގައި ހިމެނޭ ދައުލަތުގެ ހެކިންއަށް އެ މައްސަލައިގައި ތުހުމަތުވާ ފަރާތްތަކުން ބިރު ދައްކައި ޖިސްމާނީ އަނިޔާ ކޮށްފައިވާކަމަށް ދައުލަތުން ވަނީ އިއްޔެ ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ބުނެފަ އެވެ. އަދި އެ މައްސަލަ ފުލުހުން ބަލަމުންދާކަމަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓަށް އަންގާފައެވެ.

އަންނާރުމާގެއިން ވާހަކަ ދެއްކި އާއިލާގެ މީހަކު "ސަން" އަށް މިއަދު ބުނި ގޮތުގައި އޭނާގެ މޫނު މަތިން އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.

"ބޮލާ ތަންތަން ހުރީ ފަޅައިގެން ގޮސްފައި. ލޯ ކައިރިންވެސް ހުރީ ފަޅައިގެން ގޮސްފައި،" އާއިލާގެ މީހާ ކިޔައިދިނެވެ.

އެ މައްސަލައައިގައި ބަލަން ޖެހޭ ބެލުންތައް ބެލުމަށް އެ ގޭގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އޭނާގެ ހަށިގަނޑުވެސް މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މީގެ ު ކުރިންވެސް ހ. އަންނާރުމާގެއިން މީހަކު މަރުވެފައި އޮއްވާ ފެނުނެވެ.