20 Oct 2019, 16:00
ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން ސެކްރެޓަރީ އަބްދުލްޢަފޫރް މުހައްމަދު ފުރާވަޑައިގެންފި އެވެ.
މިއީ ދޭދޭ ގައުމުތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި ވަކި ފަރާތަކަށް ނުޖެހި ތިބޭ ގައުމުތައް އެކުވެގެން 1961 ވަނަ އަހަރު އުފެއްދި އިއްތިހާދެކެވެ. މިއިއްތިހާދުގެ ބާނީ އަކީ، އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫ އެވެ.
ނާމް ސަމިޓް މިފަހަރު ބާއްވަނީ، މި މަހުގެ 25 އިން 26 އަށް އަޒަރްބައިޖާންގަ އެވެ. އަށާރަ ވަނަ ސަމިޓްގައި 120 ގައުމަކުން ބައިވެރިވާއިރު، މި މަހުގެ 21 -22 އަށް ބާއްވާނީ، ސަމިޓް ކުރިޔަށް ދާނެގޮތާ މެދު މަޝްވަރާކުރުމަށް އިންތިޒާމްކުރާ އިސްފަރާތްތަކުގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ.
މީގެ އިތުރުން މި މަހުގެ 23 އަދި 24 ވަނަ ދުވަހު ގައުމުތަކުގެ އިސްފަރާތްތަކާއިއެކު މަޝްވަރާގެ ބައްދަލުކުރެއްވުންތައް ބޭއްވުމަށް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.