ކޮންމެ ޒުވާނަކީ ވެސް ގައުމަށް ބަދަލެއް ގެނެވިދާނެ މީހެއް ކަމަށާއި ދަތި އުނދަގޫ ވަގުތުގައި ގައުމު ސަލާމަތްކޮށްދެނީ ޒުވާނުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އއ. މަތިވެރީގައި ބޭއްވި މިއަހަރުގެ ހަތަރު ވަނަ ޒުވާން ލީޑަރުންގެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ މުޖުތަމައެއް ކޮޅަށް ތެދުވެ، ގައުމު ކުރިއަށްދާނީ ޒުވާނުންގެ މައިބަދަގައި ވަރުހުރި މިންވަރަކުން ކަމަށެވެ.

އަދި މުޖުތަމައެއްގެ ކުރިމަގު އުޖާލާ ވާނީ އެ މުޖުތަމައެއްގެ ޒުވާނުންގެ އިލްމީ ގާބިލުކަމާއި ދުޅަހެޔޮކަމާއި އެމީހުންގެ ހުނަރާ ފަންނުގެ ނަތީޖާގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މާދަމާ އަޅުގަނޑުމެން އުފާވެރިވާން ބޭނުންނަމަ، ހިތްހަމަޖެހިގެން އުޅެން ބޭނުންވާނަމަ އަޅުގަނޑުމެން މުޖުތަމައުގައި ތަނަވަސްކަމާ ތިޔާގިކަން އޮންނަން ބޭނުންނަމަ އަޅުގަނޑުމެން އެކަން ފުރަތަމަ ފަށަން ޖެހެނީ އަޅުގަނޑުމެންގެ ޒުވާނުންގެ ކިބައިން" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އިސްލާމީ ތާރީހުންނާއި ރާއްޖޭގެ ތާރީހުން މިސާލު ނަންގަވަމުން މިނިސްޓަރު ވިދާޅުވީ ދަތި އުނދަގޫ ވަގުތުތަކުގައި ގައުމު ސަލާމަތް ކޮށްދޭނީ ޒުވާނުން ކަމަށެވެ. ރާއްޖޭގެ ތާރީހުން މިނިސްޓަރު މިސާލު ނެންގެވީ މުހައްމަދު ތަކުރުފާނާއި ޝަހީދު ހުސައިން އާދަމް ކުރެއްވި ޖިހާދެވެ.

މަތިވެރީގައި ބޭއްވި މިއަހަރުގެ 4 ވަނަ ޒުވާނުންގެ ފޯރަމްގައި 80 އަށްވުރެ ގިނަ ޒުވާނުން ވަނީ ބައިވެރިވެފަ އެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އެ ފޯރަމްގައި އއ. އަތޮޅުން މަތިވެރި، ރަސްދޫ، ތޮއްޑޫ، އުކުޅަސް، ބޮޑުފޮޅުދޫ އަދި ހިމަންދޫއާއި މާޅޮހުގެ އިތުރުން ފެރިދޫގެ ޒުވާނުން ވަނީ ބައިވެރިވެފަ އެވެ.