28 Oct 2019, 10:52
ދިއްލީ (އޮކްޓޯބަރު 28): އިންޑިއާގެ ޓަމިލް ނާޑޫގައި މިދިޔަ ހުކުރު ދުވަހު ވަޅަކަށް ވެއްޓުނު ކުޑަކުއްޖަކު ސަލާމަތް ކުރަން ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންދާ ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ފުލުހުން ބުނި ގޮތުގައި ދެ އަހަރުގެ ސުޖިތު ވިލްސަން ވަޅަކަށް ވެއްޓުނީ ހުކުރު ދުވަހު ކުޅެން އުޅެނިކޮށް ހަވީރު ގަޑީގަ އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެވަޅުގެ ފުން މިނުގައި 600 ފޫޓު ހުންނާނެ އެވެ. އެހެން ރިޕޯޓުތަކުގައިވާ ގޮތުން އެވަޅުގެ ފުން މިނުގައި 1،000 ފޫޓު ހުންނާނެ އެވެ. އަދި އެއީ އެހެން މީހަކަށް ފޭބޭ ވަރަށް ފުޅާ ވަޅެއް ނޫނެވެ.
އަދި ސުޖިތު ފުރަތަމަ ވެއްޓިފައި އޮތީ 26 ފޫޓު އަޑިއަށެވެ. ނަމަވެސް ފަހުން އެކުއްޖާ ވަނީ 70 ފޫޓު ނުވަތަ އެއަށްވުރެ އަޑިއަށް ވެއްޓިފަ އެވެ.
ސުޖިތު ސަލާމަތް ކުރުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް އާއި ސްޓޭޓް ޑިޒާސްޓާ ރެސްޕޮންސް ފޯސްގެ މެމްބަރުން ފެށީ ކުއްޖާ ވެއްޓުނުތާ މާގިނަ އިރު ނުވަނީސް އެވެ. އަދި ފުރަތަމަ އެމީހުން މަސައްކަތް ކުރީ ކުއްޖާގެ އަތުގައި ވާގަނޑެއް އައްސައިގެން ނެގުމަށެވެ. ނަމަވެސް އެކަން ނާކާމިޔާބުވި އެވެ. އެހެންކަމުން މިހާރު އެމީހުން ދަނީ ކުއްޖާ ވެއްޓިފައިވާ ވަޅު ކައިރީގައި އިތުރު ވަޅެއް ކޮނެ ބިންގަރާހަކުން ގުޅުވާލުމަށް ފަހު، ކުއްޖާ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުގައިވާ ގޮތުން ކުއްޖާ ވެއްޓިފައިވާ ވަޅަށް މީގެ ކުރިން ކެމެރާއެއް ތިރި ކުރުމުން، ކުއްޖާ ނޭވާލާ އަޑު އިވުނެވެ. އަދި ރޭ ރެސްކިއު އޮފިޝަލުން ވަނީ ސުޖިތު ހޭނެތިފައިވާ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އަދިވެސް ނޭވާލަމުންދާ ކަމަށް ބުނެފަ އެވެ.
އިންޑިއާގައި އެފަދަ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައިވީ ނަމަވެސް، އެފަދަ ހާލަތެއްގައި އަމަލު ކުރާނެ ގޮތުގެ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާއެއް ފުލުހުންނާއި ޑިޒާސްޓާ މެނޭޖްމެންޓު އިދާރާތަކުން ހަދާފައި ނުވެ އެވެ.
އެގޮތުން މިދިޔަ ޖޫން މަހު ޕަންޖާބުގައި ދެ އަހަރުގެ ކުއްޖަކު ވަޅަކަށް ވެއްޓުމުން އެކުއްޖާ ވަޅުން ނެގުނީ ހަތަރު ދުވަހުގެ މަސައްކަތުންނެވެ. ނަމަވެސް އޭރު އެކުއްޖާ ވަނީ މަރުވެފަ އެވެ. އޭގެ ސަބަބުން ޕަންޖާބުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައްވެސް ކުރި އެވެ.