ހދ. ނޮޅިވަރަމުން ގޯތި ދޫކުރުމަށް ޕޮއިންޓު ދިން ގޮތުން މައްސަލަތަކެއް ފާހަގަ ކުރެވިފައިވާތީ، އަލުން ގުރުއަތުލާން ކައުންސިލުގެ މައްޗަށް އަންގައި އެރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

އެރަށުން ދޫކުރާ 75 ގޯއްޗަށް، އެރަށުގެ 280 މީހަކު ކުރިމަތިލިއެވެ.

ނަމަވެސް ނޮޅިވަރަމް ރައްޔިތުންނަށް ގޯތި ދޫކުރުމަށް ޕޮއިންޓް ދީފައިވާ ގޮތާ ގުޅިގެން ހިތްހަމަނުޖެހުންތަކެއް ހުރެގެން ތިން މީހަކު ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

އެ މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން، ގޯތިތައް ދޫކުރުމުގެ މަސައްކަތް މަޑު ޖައްސާލުމަށް މި މަހުގެ 18 ވަނަ ދުވަހު ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.

އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި، ކޯޓުން ވަނީ ގޯތި ދޫކުރުމުގައި ޕޮއިންޓް ދީފައިވަނީ ރަނގަޅަށް ނޫން ކަމަށާއި، އެހެންކަމުން އަލުން ގުރުއަތު ނެގުމަށް ކައުންސިލްގެ މައްޗަށް ހުކުމް ކޮށްފައެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމް ކައުންސިލުގެ ރައީސް އަހުމަދު ރަޝީދު އާދަމް ވިދާޅުވީ ގޯތި ދިނުމުގައި އަމަލުކޮށްފައިވާނީ އުސޫލުތަކުގެ މަތީން ކަމަށެވެ. އަދި އެކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މައްސަލަ ނިންމައި އިއްޔެ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މައްސަލަ ހުށަހެޅި ދެމީހެއްގެ ކައިވެންޏަށް ލިބެންޖެހޭ ޕޮއިންޓް ދީފައި ނުވުމުގެ ސަބަބުން ގޯތި ލިބުމުގެ ހައްގުން އެމީހުން މަހްރޫމްވެފައިވާ ކަމަށެވެ.

ކައުންސިލުން ވަނީ އެފަރާތްތަކަށް ކައިވެންޏަށް ޕޮއިންޓް ލިބިފައިނުވަނީ، ކައިވެނީގެ ސެޓްފިކެޓްގެ ބައެއް ހުށަހަޅާފައި ނުވާތީ ކަމަށް ބުނެ ދައުވާއަށް އިންކާރުކޮށްފައެވެ.

ނަމަވެސް އެފަރާތްތަކުން ގޯއްޗަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ތަކެތި ފުރިހަމައަށް ހުށަހަޅައިފައިވާކަން މައްސަލައިގައި ހުށަހެޅުނު ލިޔެކިޔުންތަކުންނާއި އެމީހުން ދީފައިވާ ބަޔާންތަކުން އެނގެން އޮންނަ ކަމަށާއި އަދި ކައުންސިލުން ބުނާ ބުނުން ސާބިތުކޮށްދެވިފައި ނުވާކަމަށް ހުކުމްގައިވެއެވެ.

އެހެންކަމުން އެމީހުންނަކީ ވެސް ދޫކޮށްފައިވާ 75 ގޯތީގެ ތެރެއިން ގޯއްޗެއް ލިބެންޖެހޭ ބައެއް ކަމަށް ކަނޑައަޅައި، މި 75 ގޯތީގެ ތެރޭގައި މިފަދައިން ފޯމު ބަލައިގަތުމަށްފަހު ދޭ ލިޔުމުގައި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ހުށަހަޅާފައިވާ ކަމަށް ނޮޅިވަރަމް ކައުންސިލުން ލިޔުން ދޫކޮށްފައިވާ، އަދި ކައިވެނީގެ މުއްދަތަށް ޕޮއިންޓް ދީފިނަމަ ގުރުއަތަކާ ނުލައި ނުވަތަ ގުރުއަތުގައި ބައިވެރިވެވޭ ވަރަށް ޕޮއިންޓް ލިބޭ ފަރާތްތަކެއް ވާނަމަ، އެފަރާތްތަކެއް ހިމަނައިގެން އަލުން ގުރުއަތުލައި އަލުން ގޯތިތަކުގެ ސްލޮޓް ކަނޑައެޅުމަށްފަހު އެގޮތުގެ މަތިން ގޯތި ލިބޭނެ ފަރާތްތަކުގެ ހައްގުވެރިންނާއި އަލުން ގޯތިތައް ހަވާލުކުރުމަށް ކައުންސިލްގެ މައްޗަށް އަންގާ ވަނީ ހުކުމްކޮށްފައެވެ.

އޭގެ އިތުރުން ކައުންސިލުން ގޯތި ދޫކޮށްފައި ވަނީ ގޯތި ދިނުމުގައި އެ ކައުންސިލުން އެކުލަވާލި އުސޫލާ ހިލާފަށް ކަމަށް ބުނެ، ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ގޯތި ލިބުނު މީހަކަށް ގޯތި ދޫކޮށްފައި ވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ ގަވާއިދާއި ގޯތި ދޫކުރުމަށް ކައުންސިލުން އެކުލަވާލި އުސޫލާ ހިލާފަށް ކަމަށެވެ.

އެ މައްސަލައިގައި ވެސް ހުކުމް ކޮށްފައިވަނީ 75 ގޯތި ލިބޭ މީހުން އަލުން ކަނޑައަޅައި އެފަރާތްތަކުގެ މެދުގައި ގުރުއަތު ލުމަށްފަހު އަލުން ސްލޮޓްތައް ކަނޑައަޅައި އެގޯތިތަކުގެ ހައްގުވެރިންނަށް ގޯތިތައް ދިނުމަށެވެ.

މިހާރު ކައުންސިލުން އަންނަނީ ގޯތި ލިބޭ މީހުންގެ ލިސްޓު މުރާޖައާކޮށް، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އަލުން ގުރުއަތުލާން މަސައްކަތް ކުރަމުންނެވެ.