މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 401 ސައިކަލު ވަގަށް ނެގިކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި، އެ ސައިކަލުތަކުގެ އަގު 21 މިލިއަން ރުފިޔާއަށް ވުރެ މަތިކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ގެއްލިގެން ރިޕޯޓުކޮށްފައިވާ ސައިކަލުތަކުގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ 264 ސައިކަލެ އެވެ. އަދި ގެއްލިގެން ހުށަހަޅާފައިވާ ސައިކަލުތަކުގެ އަގަށް ބަލާއިރު ގާތްގަނޑަކަށް 21,796,400 އަރާ ކަމަށް ފުލުހުން ބުނެ އެވެ.

ވަގަށް ނަގާފައިވާ ސައިކަލުތަކަށް ބަލާއިރު، އެންމެ ގިނައީ ވޭވް ބްރޭންޑުގެ ސައިކަލެވެ. އެގޮތުން އެ ބްރޭންޑުގެ 239 ސައިކަލު ވަގަށް ނަގާފައިވާ ކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކަ އެވެ.

އޭގެ އިތުރުން 26 އެއާބްލޭޑް، 23 ޖީއެން، 19 ސްކޫޕީ، 13 ޕީސީއެކްސް އަދި 12 ޒިއޯން ވެސް ވަގަށް ނަގައިގެން ވަނީ ރިޕޯޓުކޮށްފަ އެވެ.

90 ޕަސެންޓު މީހުންގެ ސައިކަލުގައި އެލާމް ސިސްޓަމް ނެތް!

ފުލުހުން ބުނީ ވައްކަމުގެ މައްސަލަތަކަކީ ދިވެހި މުޖުތަމައުގައި އަބަދު ވެސް ހިނގަމުން އަންނަ، އެކަންކަމަށް ހައްލު ހޯދަން ޖެހިފައިވާ ކަންކަމެވެ.

އަދި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށާއި އެހެންކަމުން މިފަދަ ކަންކަން ހައްލުކުރުމުގައި ފަރުދީ ގޮތުން ކޮންމެ މީހަކު ވެސް މަސައްކަތް ކުރުމަށް ފުލުހުން އެދެ އެވެ.

ސައިކަލު ވަގަށް ނަގައިގެން ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދާތީ، މިކަން ހައްލުކުރުމަށް ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށް ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ވަނީ ސާވޭ އެއް ކުރިއަށް ގެންގޮސްފަ އެވެ.

އެ ސާވޭ އިން ދައްކާގޮތުން 38 ޕަސެންޓް މީހުންގެ ސައިކަލަކީ އިންސްޓޯލްމެންޓަށް ނަގާފައިވާ ސައިކަލެވެ. އަދި 90 ޕަސެންޓު މީހުންގެ ސައިކަލްގައި އެލާމް ސިސްޓަމް ހަރުކޮށްފައި ނެތްކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުނެ އެވެ.

35 ޕަސެންޓު މީހުން ޝަޓާލޮކް ކުރަން ސަމާލުކަމެއް ނުދޭ!

ފުލުހުން ބުނީ ސައިކަލު ޕާކު ކުރުމުގައި، ޕާކުކޮށްފައި ވަނީ ރައްކާތެރި ތަނެއްގައިތޯ އާއި ސައިކަލުގެ ޝަޓާލޮކް ކުރޭތޯ ބެލިބެލުމުން 35 ޕަސެންޓް މީހުން މިކަންކަމަށް ސަމާލުކަން ދީފައިނުވާކަން ފާހަގަ ކުރެވުނު ކަމަށެވެ.

އެހެންކަމުން، ސައިކަލުގެ ރައްކާތެރިކަމަށް ދޭންވާ އަހަންމިއްޔަތުކަން ގިނަ ބަޔަކު ދީފައި ނުވާކަމަށް ފުލުހުން ބުނެ އެވެ.

މިއީ ދިވެހިންގެ އާބާދީގެ ނިސްބަތަށް ބަލާއިރު ވަރަށް ބޮޑު އަދަދެއް ކަމަށާއި އެހެންކަމުން އުޅަނދުގެ ވެރިފަރާތުން ނުވަތަ އެ އުޅަނދެއް ދުއްވާ ފަރާތަކުން މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ވައްކަން ކުރާ ފަރާތްތަކުގެ ކިބައިން އުޅަނދު ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންކަން!

  • ސައިކަލު ޕާކު ކުރާއިރު އެކަހެރި ތަންތަނުގައި ޕާކު ނުކުރުން

  • ހުންގާނު ތަޅުލާފައި ބެހެއްޓުމަށް ސަމާލުކަން ދިނުން
  • ޝަޓާލޮކް ބޭނުންކުރުން
  • ތަޅުދަނޑިއަށް ރައްކާތެރިވެ، ސައިކަލު ޕާކު ކުރުމަށް ފަހު ތަޅުދަނޑި ނެގުނުތޯ ޔަގީންކުރުން
  • ސައިކަލުގައި އެލާމް ސިސްޓަމް ހަރުކުރުން
  • ސީސީޓީވީ ކެމެރާ ހުންނަ ސަރަހައްދުތަކުގައި ޕާކު ކުރުމަށް ސަމާލުކަން ދިނުން
  • ސައިކަލު ފުލް ކަވަރޭޖު އިންޝުއަރެންސް ކުރުން

ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ހުއްޓުވުމުގައި ކޮންމެ މީހަކަށް ވެސް ފަރުދީ ގޮތުން ކުރެވިދާނެކަންކަމަށް ސަމާލުކަން ދިނުމަށާއި ސައިކަލެއް ވަގަށް ނަގާ މަންޒަރު ފެނިއްޖެ ނަމަ ނުވަތަ ސައިކަލެއް ވަގަށް ނަގަން އުޅޭ ކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށް ފުލުހުން އެދެ އެވެ.