ދިމިޝްގު (ނޮވެމްބަރު 1): އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީ މަރުވެއްޖެ ކަމަށާއި މިހާރު އެޖަމާއަތަށް އާ ލީޑަރަކު އައްޔަންކޮށްފައިވާ ކަމަށް އައިއެސްއިން އިއްޔެ އިއުލާންކޮށްފި އެވެ.

އައިއެސްއާ ގުޅުން ހުރި މީޑިއާއަކުން އާއްމު ކުރި އޯޑިއޯ މެސެޖެއްގައި އެޖަމާއަތުގެ އާ ތަރުޖަމާނު އަބޫ ހަމްޒާ އަލް ގުރައިޝީ ވަނީ ބަޣުދާދީ މަރުވުމުން ހިތާމަ ކުރާ ކަމަށް ބުނެފަ އެވެ. އަދި އޭނާ މަރުވިކަން ޔަގީންވުމާ އެކު އައިއެސްގެ ޝޫރާ މަޖިލީހުން ބައްދަލުވުމެއް ބާއްވައި އާ ލީޑަރަކު ކަނޑައަޅާފައިވާ ކަމަށް ބުނެފަ އެވެ.

އައިއެސްގެ ތަރުޖަމާނު ބުނި ގޮތުގައި އާ ލީޑަރަކީ އަބޫ އިބްރާހީމް އަލް ހަޝީމީ އަލް ގުރައިޝީ ކިޔާ މީހެކެވެ. ނަމަވެސް އޭނާގެ އިތުރު ތަފްސީލެއް ހާމަ ނުކުރެ އެވެ.

މީގެ ކުރިން އެމެރިކާގެ ނިއުސްވީކުން އިންޓެލިޖެންސް އޮފިޝަލަކާ ހަވާލާދީ ރިޕޯޓު ކުރި ގޮތުގައި ބަޣުދާދީއަށް ފަހު އާ ލީޑަރަކަށް ވާނީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސެއިންގެ އަސްކަރިއްޔާގެ ކުރީގެ އޮފިސަރެއް ކަމަށްވާ އަބްދުﷲ ގަރުދާޝް އެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން މިދިޔަ ހުކުރު ދުވަހު ސީރިއާގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ބަޣުދާދީ މަރާލާފައިވާ ކަން ފުރަތަމަ އިއުލާން ކުރެއްވީ އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ބަޣުދާދީ މަރުވީ ގޮވާތަކެތި ހަރުކޮށްފައިވާ ކަމަރެއް ގޮއްވާލައިގެން އަމިއްލައަށެވެ. އޭނާއާ އެކު އޭނާގެ ތިން ކުޑަކުދިން ވެސް މަރުވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އަދި އޭގެ މާގިނަ އިރުތަކެއް ނުވެ އެމެރިކާ ސިފައިންނާއި ސީރިއާގެ ކުރުދީން ދިން ހަމަލާއެއްގައި އައިއެސްގެ ކުރީގެ ތަރުޖަމާނު އަބޫ އަލް ހަސަން އަލް މުހާޖިރު ވެސް ވަނީ މަރުވެފަ އެވެ.

އައިއެސްއަކީ ފަހުގެ ތާރީޚުގައި އިސްލާމީ ދުނިޔޭގައި އުފެދުނު އެންމެ ހަރުކަށި އެންމެ މުއްސަނދި އަދި ނުރައްކާތެރި ޖަމާއަތެވެ. މިޖަމާއަތް 2012 ވަނަ އަހަރު އާދަޔާ ޚިލާފު ބާރުމިނެއްގައި ކުރިއަރަމުން ގޮސް 2014 ވަނަ އަހަރު އިރާގާއި ސީރިޔާގެ ބޮޑުބައި ހިފައި އިސްލާމީ ޚިލާފަތުގެ ނަމުގައި ތަކްފީރީ ވިސްނުމުގެ ވެރިކަމެއް ވެސް އިއުލާންކުރި އެވެ.

އަދި 29 ޖޫން 2014ގައި ބަޣުދާދީ، އިރާގުގެ މޫސަލްގެ ނޫރީ މިސްކިތުގައި އިސްލާމީ ޚިލާފަތެއް އިއުލާނުކޮށް، އޭނާއަކީ މުސްލިމުންގެ ޚަލީފާކަމަށް އިއުލާނުކުރި އެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގެ މުސްލިމުން އެ ދައުލަތަށް ހިޖުރަކުރުމަށާއި މުދަލާއި ނަފްސާ އަދި ދުއާއިން އެދައުލަތަށް ވާގިވެރިވުރުމަށް އޭނާ ގޮވާލި އެވެ.

ނަމަވެސް ހަމަ އެ އަހަރު އެމެރިކާ އިސްވެ އޮންނަ ކޯލިޝަނަކުން އިރާގާއި ސީރިއާގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަން ފެށި އެވެ. އަދި 2017 ވަނަ އަހަރު އިރާގުން އައިއެސްގެ ޚިލާފަތު ނައްތާލާފައިވާ ކަމަށް އެގައުމުގެ އޭރުގެ ބޮޑުވަޒީރު ހައިދަރު އަލް އާބާދީ އިއުލާން ކުރެއްވި އެވެ. އަދި ސީރިއާގައި އެމެރިކާގެ އެހީއާ އެކު އައިއެސްއާ ހަނގުރާމަ ކުރި ސީރިއަން ޑިފެންސް ފޯސެސް (އެސްޑީއެފް)އިން، އެގައުމުން ވެސް އައިއެސްގެ ޚިލާފަތު ނިމުމަކަށް ގެނެސްފައިވާ ކަމަށް މިދިޔަ މާޗް މަހު އިއުލާން ކުރި އެވެ.