04 Nov 2019, 13:00
އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި ހުންނާނެ ކަމަށް ލަފާކުރެވެނީ ޖީޑީޕީގެ ނިސްބަތުން 7.5 ޕަސެންޓުގައި ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީ އިން ލަފާކޮށްފައި ވަނީ މި އަހަރު ނިމޭ އިރު އިގްތިސޯދީ ދުވެލި 5.7 ޕަސެންޓުގައި ހުންނާނެ ކަމަށެވެ. ސަރުކާރުން ކުރިއަށް ގެންދިޔަަ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް 2018 ވަނަ އަހަރު ނިމުމާ ގުޅިގެން މި އަހަރު އިމާރާތްކުރުމުގެ ދާއިރާ އޮތީ މަޑުޖެހިފަ އެވެ. ނަމަވެސް އިމާރާތްކުރުމުގެ ދާއިރާގެ ގިނަ މަޝްރޫއުތަކެއް މި އަހަރު ފަހުކޮޅު ފެށުމާ ގުޅިގެން އިމާރާތްކުރުމުގެ ދާއިރާ ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މެދުރާސްތާއަށް ބަލާއިރު 2020 އަންނަ އިރު އިގްތިސޯދު 7.5 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ އިރު ކުރިއަށް އޮތް ތިން އަހަރު ވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރާނެ ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ނިމި، ކައިރި މުސްތަގުބަލެއްގައި ބޭނުންކުރެވޭނެ ކަމަށް ލަފާކުރެ ވޭތީ، ރާއްޖެ އަންނަ އެއާލައިނުތަކުގެ އަދަދު އިތުރުވެ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ ބުނެފަ އެވެ.
އަދި މިހާރު ވެސް ގިނަ އަދަދެއްގެ ރިސޯޓުތައް ތައްގީކުރަމުން އަންނައިރު އިތުރު ރިސޯޓުތައް މާކެޓަށް ނެރުމަކީ ފަތުރުވެރިކަން ކުރިއަރާނެ ކަމެއްކަމަށް ވަނީ ލަފާކޮށްފަ އެވެ.
ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރަން ކުރާ މަސައްކަތްތައް ކުރިއާ އަޅައިބަލާ އިރު ތިން ގުނަ އިތުރަށް ހޭދަކޮށް، ފުޅާކުރަމުންދިއުމާ އެކު، މިކަމުން ވެސް މެދުރާސްތާގައި ފަތުރުވެރިކަމަށް އެދެވޭ ބަދަލެއް އަންނާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
އިގްތިސޯދުގެ 1.1 ޕަސެންޓް އިމާރާތްކުރުމުގެ ދާއިރާ ހިއްސާކުރާނެ ކަމަށް ލަފާކޮށްފައިވާ އިރު 2.6 ޕަސެންޓް ހިއްސާ ކުރާނީ ފަތުރުވެރިކަމުގެ ދާއިރާ އެވެ.
ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 819 މިލިއަން ޑޮލަރުގަ އެވެ. ކަރަންޓު އެކައުންޓް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 19 ޕަސެންޓުގަ އެވެ. ނޮމިނަލް ޖީޑީޕީ ހުންނާނެކަމަށް ލަފާކޮށްފައި ވަނީ 97 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ 2019 ވަނަ އަހަރު ނިމޭ އިރު ރިޒާވްގައި ހުންނާނެ ކަމަށް ބެލެވެނީ 636 މިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ.
އަދި 2020 ވަނަ އަހަރު ނިމޭ އިރު، ދައުލަތުގެ ރަސްމީ ރިޒާވް ހުންނާނެ ކަމަށް އެމްއެމްއޭ އިން ލަފާކޮށްފައި ވަނީ 819 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށެވެ.
މެދުރާސްތާއަށް ބަލާ އިރު، ނޮމިނަލް ޖީޑީޕީ ހަލުވިކަމާ އެކު އިތުރުވަމުންދާނެ ކަމަށް ލަފާކުރެވެ އެވެ. އެގޮތުން 2020 ވަނަ އަހަރާއި 2022 ވަނަ އަހަރާ ދެމެދު އަހަރަކު އެވްރެޖްކޮށް 9.5 ޕަސެންޓުން ނޮމިނަލް ޖީޑީޕީ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 37.50 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.