14 Nov 2019, 13:23
އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ރަނގަޅަށް ކަމަށް ޖުޑިޝަރީ ކޮމިޓީއިން ނިންމައިފި އެވެ.
އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކޮށްދިނުމަށް އެދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އިއްޔެ އެވެ. އެއީ އެ ކޮމިޝަނުން ބަލަމުން ދިޔަ އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު އެވެ
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ދެ ފަނޑިޔާރުން ވަކިކުރަން ވަކިވަކިން ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވި ފަސް މެމްބަރުންގެ އިއްތިފާގުންނެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދާއާ ގުޅޭ ގޮތުން މައިގަނޑު 15 ނުކުތާއެއް ފާހަގަކޮށް ސުލޫކީ މައްސަލައެއްގެ ގޮތުގައި ވަނީ އެ ރިޕޯޓްގައި ހިމަނާފަ އެވެ.
1. ރައްޔިތުންގެ މަޖިލީހާއި ޖޭއެސްސީގެ އިތުރުން ދައުލަތުގެ އެހެން މުއައްސަސާތަކަށް ލިބިދީފައިވާ ބާރުތައް ސުޕްރީމް ކޯޓުން ހަނިކޮށް އެ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސް އެޅި މައްސަލަ
2. އަދުލު އިންސާފު ގާއިމް ކުރުމުގެ އިދާރީ ކަންކަން ހިންގާ ބެލެހެއްޓުމަށް ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވި މައްސަލަ
3. ޖުޑީޝަލް ކައުންސިލެއް އުފައްދާފައިވަނިކޮށް އެ ކައުންސިލް އުވާލައި އެ ކައުންސިލަސް މަތިކޮށްފައިވާ ޒިންމާތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމިއްލައަށް ހަވާލުވެ ފަހުން ހަމަ އެ ނަމުގައި އެހެން ކައުންސިލެއް އުފެއްދި މައްސަލަ
4. ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވި މައްސަލަ
5. އިސްތިއުނާފް ކުރުމުގެ މަރުހަލާއާ ގުޅޭ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ސުޕްރީމް ކޯޓުން ބަދަލު ގެނައި މައްސަލަ
6. ދަށު ކޯޓުތަކުގެ ގާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމަށް ޖޭއެސްސީއަށް މަތިކޮށްފައިވާ ޒިންމާ ސުޕްރީމް ކޯޓުން ނެގި މައްސަލަ
7. މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމްގެ މައްޗަށް ދަށު ދެ ކޯޓުން ސާބިތު ނުވާކަމަށް ނިންމާފައިވާ މައްސަލައެއް ނިމި އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވިތާ ހަތް މަސް ފަހުން އިސްތިއުނާފް ފަށައި ނާޒިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކުރި މައްސަލަ
8. އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ލިބިގެން ނުވާކަމަށް ނިންމި މައްސަލަ
9. އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ނިންމި މައްސަލަ
10. ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން ހިއުމަން ރައިޓްސް ކޮމިޝަނުގެ މައްޗަށް މައްސަލައެއް ހިންގައި އެ ކޮމިޝަނުގެ ގާނޫނީ ބާރު ގެއްލޭ ގޮތަށް ކޮމިޝަނުން އަމަލުކުރަން ޖެހޭ ގޮތުގެ ގައިޑް ލައިނެއް ކަނޑައެޅި މައްސަލަ
11. ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލު ކުރުމަށް ކަނޑައެޅި މައްސަލަ
12. ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އަންގައި އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅި މައްސަލަ
13. ނިމިދިޔަ މަޖިލީހުގެ 12 މެންބަރެއްގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބު އަދާނުކުރެވޭ ގޮތަށް އެ މެންބަރުންގެ ހައިސިއްޔަތު ގެއްލޭ ގޮތަށް އަމަލުކުރި މައްސަލަ
14. އެކެއް ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ކުރި އަމަރުގެ ބައިތައް ފަހުން ބާތިލް ކުރި މައްސަލަ
15. ސުޕްރީމް ކޯޓުގެ ސާކިއުލާތަކާއި އާންމު ސިޓީތައް މެދުވެރިކޮށް އެހެން ކޯޓުތަކުގެ އިދާރީ ހިންގުމައި ފަނޑިޔާރުން އަމަލު ކުރަން ޖެހޭ އުސޫލުތަކަށް ރައްޔިތުން ތަބާވުން ލާޒިމް ކޮށް ގާނޫނު ހަދާ މައްސަލަ
އެ 15 މައްސަލަ އަކީ ވެސް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ މައްޗަށް ޖޭއެސްސީގެ ތަހުގީގް ކޮމެޓީން ބެލި މައްސަލަތަކެއް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވި އެވެ.
ޖުޑިޝަރީ ކޮމެޓީން ނިންމާފައިވަނީ ދެ ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ނިންމާފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ ހުރިހާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހު ގައި ކަމަށެވެ.