އެއްވެސް ފަރާތެއްގެ މައްޗަށް ނުފޫޒު ފޯރުވުމަކީ ކުށެއް ކަމަށް ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައި ވަނިކޮށް، އެއީ ކުށެއް ކަމަށް ކަނޑައަޅައިދިނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެދިއްޖެ އެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ވާހަކަ ދައްކަވަމުން ސީއެސްސީގެ މެމްބަރު އިބްރާހިމް ޝަހީގް ވިދާޅުވީ ނުފޫޒު ފޯރުވާ މީހަކަށް އެކަން މަނާކުރަން އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

"މުޅި ރާއްޖޭގެ ޤާނޫނީ ނިޒާމު މިއޮތީ ބައްޓަންވެފައި، ނުފޫޒުގައި ޖެހޭ މީހާ ޖެހުނަ ނުދޭން. ނުފޫޒު ފޯރުވާ މީހާއަށް (އެކަން) މަނާ ކުރުމަށް އެއްވެސް ޤާނޫނެއްގައި ލިޔެފައެއް ނެތް. އެހެންވީމަ ނުފޫޒު، އެއްވެސް މީހަކަށް ފޯރުވުމަކީ ކުށެއް ކަމަށް ވާ ގޮތަށް ލިޔެދެއްވާ." ޝަހީގު ވިދާޅުވި އެވެ.

ޝަހީގު އެހެން ވިދާޅުވުމުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ނުފޫޒު ފޯރުވުމަކީ އާންމު ގާނޫނުގައި ވެސް ކުށެއް ކަމަށެވެ.

"އެއީ އާންމު ގާނޫނުތަކުގައި ވެސް ކުށެއް. ކޮންމެ މީހަކަށް ވެސް އެނގޭނެ. އެކަންތައް ކުރި މީހާއެއް ނޫން ގޯސްވަނީ (ހަމައެކަނި). އޭގައި ބައިވެރިވާ މީހާ އާއި ނުފޫޒު ފޯރުވަން އުޅުނު މީހާއަށް ވެސް (ކުރެވޭ) ކުށެއް އެއީ." ގާސިމް ވިދާޅުވި އެވެ.

ނުފޫޒު ފޯރުވުމަކީ މަނާ ކަމެއްކަން ބަޔާންކުރާ ގާނޫނެއް ނެތް ކަމަށް ޝަހީގު ވިދާޅުވިއިރު، ގާނޫނުލް އުގޫބާތުގެ 511، 512 އަދި 513 ވަނަ މާއްދާއާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ވެސް އެއީ ކުށެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާ؛

(ހ) ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާ ކަމަކުން ނުވަތަ ކުރާ ކަމަކާ ގުޅިގެން، ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ އެ މުވައްޒަފެއްގެ މަޤާމުގެނުފޫޒުބޭނުންކޮށްގެންނާޖާައިޒު ފައިދާއެއް ހޯދުމާއިހޯދައިދިނުމަކީކުށެކެވެ.

މި ކުށުގެ އަދަބެއް ކަމަށް އެ ޤާނޫނުގައި (ށ) ގައި ބަޔާންކޮށްފައިވަނީ ގިނަވެގެން 3 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުމެވެ.