އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އެކްޝަން ޕްލޭނެއް މިއަދު އިފްތިތާހުކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވީ، ރައީސްގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒުނާ އަހުމަދެވެ.

އެ އެކްޝަން ޕްލޭން އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓްރީން ވަނީ ހާއްސަ ރިޕޯޓެއް ހާމަކޮށްފަ އެވެ. އެ ރިޕޯޓުގައި ބުނާގޮތުން 2054 ވާއިރު ރާއްޖޭގައި އުޅޭ ދުވަސްވީ މީހުންގެ އަދަދު މިހާރަށްވުރެ ނިސްބަތުން އިތުރުވާނެ އެވެ.

އެ އެކްޝަން ޕްލޭން އަކީ މިއަހަރުން ފެށިގެން 2021 ގެ ނިޔަލަށް ކުރާނެ މަސައްކަތްތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ. އެގޮތުން އެ ޕްލޭންގައި މައިގަނޑު ހަތަރު ސިޔާސަތެއް ހިމެނޭނެ އެވެ. އެއީ:

  • އަޅާލުމާއި ރައްކާތެރިކަން

  • މިނިވަން ކަމާއި ބައިވެރިވުން
  • ސިއްހަތާއި ދުޅަހެޔޮކަން
  • ދޮށީ އުމުރަށް ތައްޔާރުވުން

މިނިސްޓްރީން ބުނެފައިވަނީ އެ ސިޔާސަތުތަކުގެ ދަށުން ޖުމްލަ 34 ޕްރަޔޯރިޓީ އެކްޝަންތަކެއް ކަނޑައަޅާނެ ކަމަށެެވެ. އަދި އެ އެކްޝަން ޕްލޭންގެ ދަށުން ހާއްސަ ކޮމިޓީއެއް އެކުލަވާލާނެ ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

ދުވަސްވީ މީހުންގެ އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ : އަހުމަދު އަވްޝަން

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އެ އެކްޝަން ޕްލޭން އެކުލަވާލުމުން ވަަރަށް އުފާކުރައްވާ ކަމަށެވެ.

އުުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ދުވަހެއް ފާހަގަކުރުމުގެ މުހިއްމުކަމަށް ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮންމެ އަހަރަކު "މާމާ ކާފަ" ދުވަހެއް ފާހަގަކުރަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ސެޕްޓެމްބަރުމަހުގެ ފުރަތަމަ ދުވަހު މާމަ ކާފަ ދުވަހެއް ފާހަގަކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެފަދަ ދުވަހެއް މުހިއްމު ދުވަހަކަށްވާ ބައިވަރު ސަބަބުތައް ވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ. އެގޮތުން އުމުރުން ދުވަސްވީ ފަރާތްތަކުގެ ދިރިއުޅުމުގެ ގޮތްތައް ޒުވާން ޖީލަށް ކިޔައިދިނުމަކީ އެފަދަ ދުވަހެއް ބޭއްވުމުގެ ސަބަބެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.