ކުނި މެނޭޖުކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި، ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ކުނި ނެގުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފެއްގެ ގައިގައި ކުނި ކޮތަޅަކުން ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ރޭ 19:45 އެހާކަންހާއިރު ފަނޑިޔާރު މަގުގަ އެވެ.

ކުނިކޮތަޅުން ވެމްކޯގެ މުވައްޒަފަކަށް ހަމަލާ ދީފައި ވަނީ އެ މަގުގައި ހުރި ގެއަކުން ނުކުތް ފިރިހެނަކު ވެމްކޯގައި ރަޖިސްޓްރީ ނުކޮށް، ވެމްކޯގެ ވެހިކަލް އަށް ކުނި އަޅަން އުޅުމުން އެކަން ނުކުރުމަށް އެ މުވައްޒަފެއް ބުނުމުންނެވެ.

އެމީހާގެ ކުނި ކޮތަޅުން ޖަހާފައި ވަނީ ވެމްކޯގެ މުވައްޒަފުގެ ބޮލުގަ އެވެ. އަދި ވެމްކޯގެ މުވައްޒަފު ގައިގައި ޖެހުމަށް ފަހު އެމީހާ ވަނީ އެތަނުން ގޮސްފަ އެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ އޯގަސްޓް މަހު ވެސް ވެމްކޯގެ ކުނި ނެގުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފަކަށް ވަނީ ހަމަލާދީފަ އެވެ. އޭނާއަށް މީހަކު ހަމަލާ ދިނީ އޭނާ ޑިއުޓީއަށް ނިކުންނަން ދިޔަ މަގުމަތީގަ އެވެ.

އެފަހަރު ވެމްކޯގެ މުވައްޒަފަކަށް ހަމަލާދީފައި ވަނީ އެސްލޯނު ހޮޅިއަކުންނެވެ. އެމީހާ ވަނީ މުވައްޒަފާ ދިމާލަށް ހުތުރު އެއްޗިހި ވެސް ކިޔައިފަ އެވެ. އަދި އެސްލޯނު ހޮޅިބުރިންނާއި އަތުން މީހާގެ ބޮލާއި ކަނދުރާގައި ޖަހާފައިވެ އެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހަމަލާ ދިން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.