21 Nov 2019, 18:06
މާލީ ބަޔާން ހުށަނާޅާ ފަނޑިޔާރުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ކޮންމެ ފަނޑިޔާރަކުވެސް ކޮންމެ އަހަރަކު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި އަރަންޏާއި ދަރަނި ހާމަކުރާ މާލީ ބަޔާން ޖޭއެސްސީއަށް ހުށަހަޅަން ޖެހޭ ކަމަށެވެ.
އަދި އެ ބަޔާން ހުށަހެޅުމުގެ މަގްސަދު ހާސިލުކުރުމަށްޓަކައި މާލީ ބަޔާން ހުށަހަޅާ އުސޫލު މުރާޖާކުރުމަށްޓަކައި ކޮމިޝަނަށް ހުށަހަޅާ މާލީ ބަޔާންތައް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އޮޮޑިޓުކުރުމަށް އިއްޔެގެ ކޮމިޝަނު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މިހާތަނަށް މާލީ ބަޔާން ހުށަނާޅާ ފަނޑިޔާރުން އެ ބަޔާން ހުށަހެޅުމަށް އެންގުމަށް އިއްޔެގެ ބައްދަލުވުމުގައި ނިންމިކަމަށް ޖޭއެސްސީން ބުނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނާޅާ ފަނޑިޔާރުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކޮމިޝަނުން ނިންމިކަމަށްވެސް ބުނެފައިވެއެވެ.
ދެހާސް އެކާވީސް ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލައި ނިންމައި، 2023 ވަނަ އަހަރުގެ ނިޔަލަށް ފަނޑިޔާރުންގެ މާލީ ބަޔާންތައް އާންމު ކުރުމަށް ސަރުކާރުގެ އެކްޝަން ޕްލޭނުގައި ވަނީ ހިމަނައިފައެވެ.
މިއީ ހެޔޮ ވެރިކަމުގެ ތެރެއިން ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ކުރާ އެންމެ މުހިންމު އެއް ކަން ކަމުގައި އެކްޝަން ޕްލޭނުގައި ބުނެފައިވެއެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވަރަށް ބޮޑު ވައުދެކެވެ. އެ ވައުދު ފުއްދުމަށްޓަކައި ބައެއް ގާނޫނުތަކަށް އިސްލާހު ވެސް ވަނީ ގެނެސްފައެވެ.