ރަށު ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް 500 ރުފިޔާގެ ފޯނު އެލަވަންސް ދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނިންމައިފި އެވެ.

މެޖިސްޓްރޭޓުން ފިޔަވައި އެހެން ފަނޑިޔާރުންނަށް މުސާރައާ އެކު ފޯން އެލަވަންސްގެ ގޮތުގައި ވަކި ވަރެއް ލިބިލައްވަ އެވެ. ޖޭއެސްސީއިން އޮގަސްޓް ހަތެއްގައި ނިންމާފައި ވަނީ މެޖިސްޓްރޭޓުންނަށްވެސް ފޯން އެލަވަންސް ދޭން ޖެހޭނެ ކަމަށެވެ.

މިއަދު ޖޭއެސްސީއިން ލ. ފޮނަދޫގައި ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަނުން ނިންމާފައި ވަނީ ވަނީ މެޖިސްޓްރޭޓުންނަށް ފޯން އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގައި ދެންނެވުމަށެވެ.

މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ހަމަޖެއްސުމަށް 2014 ވަނަ އަހަރުވެސް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި އެވެ. އެކަމަކު، އޭރުވެސް އެކަމަށް މަޖިލީހުގެ ރުހުމެއް ނުލިބުނެވެ.

މިއަދު އޮތް ކޮމިޝަނުގެ ބައްދަލުވުމުގައި ދެން ނިންމީ ފަނޑިޔާރުންނަށް ތަމްރީނު ޕްރޮގްރާމުތަކުގައި ބައިވެރިވެވޭނެ ގޮތް ފަހި ކުރުމާ ގުޅޭ ސިޔާސަތެއް އެކުލަވާލައި އާންމު ކުރުމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް އެންގުމަށެވެ.

މިއަދު ލ. ފޮނަދޫގައި ބޭއްވި ޖޭއެސްސީގެ ބައްދަލުވުމަކީ އެ ކޮމިޝަނުން އަތޮޅު ތެރޭގައި ބައްދަލުވުމެއް ބޭއްވި ފުރަތަމަ ފަހަރެެވެ. އެ ކޮމިޝަނުގެ މެމްބަރުން މިވަގުތު ތިއްބެވީ ލ. އަތޮޅުގައި ކުރިއަށްދާ ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅޭ ސެމިނާއަށް ވަޑައިގެންނެވެ.