ކެންސަރު ބަލިތަކަށް ބޭނުންވާ ބޭހަށް ހާއްސަ ފާމަސީއެއް އައިޖީއެމްއެޗު ހޮސްޕިޓަލުގައި ހުޅުވައިފި އެވެ.

މި ފާމަސީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުވައިދެއްވީ އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހިމް ސަލީމާއި މިވަގުތު ރާއްޖެއަށް ނިސްބަތްވާ ކެންސަރު ބައްޔަށް ފަރުވާދެއްވާ ހަމައެކަނި ޑޮކްޓަރު، ޑރ. މުހައްމަދު ޝިފާނެވެ.

އައިޖީއެމްއެޗުން ބުނީ އޯޕީޑީ ހުޅުވިފައި ހުންނަ ކޮންމެ ދުވަހެއްގެ ހެނދުނު ނުވަޔަކުން ހަވީރު ހަތަރަކަށް ފާމަސީވެސް ހުޅުވިފައި ހުންނާނެ ކަމަށެވެ.

އައިޖީއެމްއެޗުން އަބަދު ވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް ފަސޭހަކަމާއެކީ ސިއްހީ ފަރުވާގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށާއި ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ގާއިމްކޮށްފައިވާ ޑިޕާޓުމެންޓުގައި އެ ފާމަސީ ހުޅުވުމުގެ ބޭނުމަކީ ވެސް މިއީ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.