27 Nov 2019, 10:06
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފަނޑިޔާރު ޣަނީ ސަސްޕެންޑުކޮށް އޭނާ މަގާމުން ވަކި ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވިކަން އިއުލާނު ކުރައްވައިފަ އެވެ.
ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރަން ނިންމައި ޖޭއެސްސީން ވަނީ އޭނާ 60 ދުވަހަށް ސަސްޕެންޑުކޮށްފަ އެވެ.
އޭނާ ސުޕްރީމު ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރަން ނިންމާފައި ވާއިރު އޭނާގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެއީ ސުޕްރީމް ކޯޓުގައި ގާނޫނާ ހިލާފަށް ނިންމި މައްސަލަތަކާ ގުޅިގެން ބަލަމުންދާ ސުލޫކީ މައްސަލަތަކެކެވެ. ޖޭއެސްސީ އިން މީގެ ކުރިން ހާމަކުރި ގޮތުގައި އޭނާގެ ތިން މައްސަލައެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.
އޭގެ އިތުރުން އޭސީސީ އިން ވެސް އޭނާގެ މައްސަލައެއް ދަނީ ބަލަމުންނެވެ. އޭސީސީ އިން ބަލަމުން ދަނީ ފަނޑިޔާރު ޣަނީ ހައިކޯޓުގެ އިސް ގާޒީކަމުގައި ހުންނެވި އިރު 2012 ވަނަ އަހަރު ހިންގާފައިވާ އަމަލެއްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއްކަން އެނގިފައިވެ އެވެ.
"ސަން"އަށް ވަނީ އެމައްސަލައާ ގުޅޭ ލިޔުންތަކެއް ލިބިފަ އެވެ. ލިޔުންތަކުގައިވާ ގޮތުން ފަނޑިޔާރު އަބްދުލްޣަނީ ވަނީ ދެމީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައެއްގައި އެތަނުން އެކަކުގެ މައްސަލައިގެ ފައިލް ވަކި އެއްޗެއް ނާންގައި ގިނަ ދުވަސްތަކެއް ވަންދެން ފޮރުވާފައި ބާއްވައިފަ އެވެ.
މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތު ކޮށްފައި ވަނީ އެ މައްސަލާގައި ދައުވާ ލިބޭ އަންހެން ކުއްޖާއަށް ހައިކޯޓުން ވަޒީފާ ދީފައިވާ ކަމަށެވެ. އަދި ފަނޑިޔާރު އަބްދުލްޣަނީއާ ގާތް ގުޅުމެއް އޮތް ކަމަށެވެ.
ފަނޑިޔާރު އަބްދުލްޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނީ 2018 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގަ އެވެ.
ފަނޑިޔާރު ޣަނީ މަގާމުން ވަކިކުރަން ނިންމާފައިވާ އިރު ރައްޔިތުންގެ މަޖިލީހުން ވަނީ މި މަހުގެ 18 ވަނަ ދުވަހު ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކޮށްފަ އެވެ. އަދި އޮގަސްޓް 28ގައި އެ ކޯޓުގެ ފަނޑިޔާރުކަމުން އަބްދުﷲ ދީދީ ވަނީ ވަކިކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ފަނޑިޔާރު އަބްދުﷲ އަރީފް ރިޓަޔާ ކުރައްވާފައިވާ އިރު އެ ކޯޓުގެ ހިންގުން މިހާރު ވަނީ ވަގުތީ ގޮތުން ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރާ ހަވާލުކޮށްފަ އެވެ.