ކޯޓުން ބޭރުން ގާނޫނުތަކާއި އުސޫލުތަކަށް ނުފެތޭ ގޮތަށް ސިއްރުން ކައިވެނީގެ ނަމުގައި ގުޅޭ ގުޅުންތަކަކީ ގާނޫނާއި އިސްލާމީ ޝަރީއަތާ ވެސް ހިލާފު ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ދާދި ފަހުން ދޯންޏެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކާ 'ކައިވެނި' ކޮށްގެން އުޅޭ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ އެއްވެސް ރަށެއްގައި އުމުރު ހަމަނުވާ ކުޑަކުދިންނާ 'ކައިވެނީ'ގެ ނަމުގައި ގުޅުން ހިންގާތޯ ބެލުމަށް މަސައްކަތް ވަނީ ފަށައިފަ އެވެ.

މިއަދުގެ ހުކުރު ހުތުބާ އަމާޒުކޮށްފައި ވަނީ "ރާއްޖެ އިސްލާމް ވި ދުވަހުގެ ހަނދާން" މި މައުލޫއަށެވެ.

އެ މައުލޫގެ ދަށުން ހުތުބާގެ ތެރޭގައި ބުނެފައި ވަނީ ކޯޓުން ބޭރުގައި ކައިވެނިކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅެން ޖެހޭނެ ކަމަށެވެ.

ކައިވެނީގެ ނަމުގައި ކޯޓުން ބޭރުން އެފަދަ ކައިވެނިކުރަނީ ނުރައްކާތެރި ވިސްނުން ބޭނުންކުރާ ބަޔަކު ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. އެފަދަ ފަރާތްތައް ދެކޭ ގޮތުން އަންހެން ދަރީންނަކީ ތައުލީމު ފޯރުކޮށްދިނުން ހުއްދަ ނޫން ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

"މިފަދައިން ބުނާއިރު އެކުދިން ބަލިވީމާ ދައްކަން ބޭނުންވަނީ އަންހެން ޑޮކްޓަރުންނަށެވެ. އަންހެން ކުދީންނަށް ކިޔަވައިނުދޭ ކަމަށް ވަނީ ނަމަ، އަންހެން ޑޮކްޓަރުންނާއި އަންހެން ޓީޗަރުންނާއި ތަފާތު ފަންނުގެ ހުނަރުވެރި ކަނބަލުން ހޯދާނީ ދެންފަހެ ކޮންތާކުން ހެއްޔެވެ؟" ހުތުބާގައި ސުވާލު ކުރި އެވެ.

ހުތުބާގައި ބުނެފައި ވަނީ ކޯޓުން ބޭރުގައި ކުރެވޭ ކައިވެނިން ލިބޭ ކުދިންގެ ގިނަގުނަ ހައްގުތަކެއް ގެއްލޭ ކަމަށެވެ. އެއީ ސައްހަ ދަރިއެއް ކަމުގައި އެއްވެސް ލިޔުމަކުން އަދި ހެއްކަކުން ވެސް އެނގެން ނެތް ކަމަށް ވެސް ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

ހުތުބާގައި ބުނެފައި ވަނީ ޝަރުއީ ހަމަތަކާ އެއްގޮތަށް ކުރާ ކައިވެނި ކުރަން ޖެހޭނީ ވީހާ ވެސް ގިނަ ބަޔަކަށް އެނގޭނެހެން ކަމަށެވެ.