ކެންބެރާ (ޑިސެމްބަރު 1): އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގައި ޓްރެފިކް އެކްސިޑެންޓުތައް މަދު ކުރުމަށްޓަކައި، ކާރު ދުއްވާ މީހުން ފޯނު ބޭނުން ކުރާ ނަމަ އެކަން ދެނެގަނެވޭ ކެމެރާތަކެއް ބޭނުން ކުރަން ފަށައިފި އެވެ.

ނިއު ސައުތު ވޭލްސްގެ ޓްރާންސްޕޯޓް އޮތޯރިޓީން ބުނި ގޮތުގައި އެ ކެމެރާތަކަކީ ކޮންމެ މޫސުމެއްގައިވެސް ދުވާލާއި ރޭގަނޑު މަސައްކަތް ކުރާނެ ކެމެރާތަކެވެ. އަދި އެއީ އެފަދަ ކެމެރާތައް ބޭނުން ކުރާ ދުނިޔޭގެ ފުރަތަމަ ގައުމެވެ.

އެ ކެމެރާތައް ހަރުކުރާ ކޮންމެ ސަރަހައްދެއްގައި ދެ ކެމެރާ ހުންނާނެވެ. އެއީ ކާރު ދުއްވާ އިރު ފޯނުން ވާހަކަ ދައްކާ މީހުން ދެނެގަތުމަށާއި އެހެން ގޮތްގޮތަށް ފޯނު ބޭނުން ކުރާ މީހުން ދެނެގަތުމަށްޓަކަ އެވެ.

އެ ކެމެރާތަކުން މަގުމަތިންދާ ހުރިހާ ކާރެއްގެ ފޮޓޯ ނަގާނެ އެވެ. އަދި އެ ކާރު ދުއްވާ މީހަކު ފޯނު ބޭނުން ކުރާ ނަމަ އާޓިފިޝަލް އިންޓެލިޖެންސްއިން ދެނެގަންނާނެ އެވެ. އެއަށް ފަހު އެ ފޮޓޯ ޓްރާންސްޕޯޓް އޮފިޝަލަކަށް ފޮނުވާނެ އެވެ.

ނިއު ސައުތު ވޭލްސްއިން ބުނި ގޮތުގައި އެކެމެރާތައް ހަރު ކުރުމަށް ފަހު ފުރަތަމަ ތިން މަސް ތެރޭ ގަވާއިދާ ހިލާފަށް ފޯނު ބޭނުން ކުރާ ޑްރައިވަރުންނަށް ފޮނުވާނީ އިންޒާރުގެ ސިޓީއެކެވެ. އޭގެ ފަހުން އޮސްޓްރޭލިއާގައި މިހާރުވެސް އޮންނަ ގަވާއިދުތަކާ އެއްގޮތަކަށް، ކާރު ދުއްވާ އިރު ފޯނު ބޭނުން ކުރާ މީހުން 232 ޑޮލަރުން ޖޫރިމަނާ ކުރާނެ އެވެ.

އޮސްޓްރޭލިއާ ސަރުކާރުން ބުނާ ގޮތުގައި ނިއު ސައުތު ވޭލްސްގެ މަގުތަކުގައި 2012އާ 2018އާ ދޭތެރޭ، މޮބައިލް ފޯނާ ގުޅުން ހުރި 158 އެކްސިޑެންޓު ހިނގާފައިވެ އެވެ.