01 Dec 2019, 14:35
އއ. މާޅޮސް ބޭރުގައި އޮތް "ޖަރީ" ނަމަކަށް ކިޔާ ލަނޑާ ދޯންޏެއްގެ ތެރޭގައި ދެމީހެއްގެ ދެމެދު ހަމަނުޖެހުން ހިންގައި މީހަކު ޒަހަމްކޮށްލާފައި ވަނީ ދެމީހެއްގެ ދެމެދު އުފެދުނު ދީނީ ހިޔާލުތަފާތުވުމެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެފި އެވެ.
މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ހިނގި މާރާމާރީގައި މަސްކަނޑާ ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދު (26) އެވެ.
މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ހައްމާދަށް ހަމާލާ ދިން ވަގުތު ދޯނީގައި ހައްމާދާއެކު އިތުރު ދެމީހަކު ތިބި ކަމަށެވެ. ހައްމާދަށް ހަމާލާ ދިނީ އިސްމާއިލް އާސިފް ކަމަށާއި އަނެއް މީހާ އޮތީ ނިދާފައި ކަމަށް ޝިފާއު ވިދާޅުވި އެވެ.
"އިސްމާއިލް އާސިފް އާއި ހައްމާދާ ދެމެދުގައި ދީނީ ހިޔާލުތަފާތުވުންތަކެއް އުފެދިގެން ދެމީހުން ޒުވާބު ކުރަމުން ގެންދިޔަ ކަމާއި އެއަށްފަހު، އެދޯނީގައި އޮތް ވަޅިއަކުން ހައްމާދުގެ ގައިގެ އެކި ތަންތަންތަނަށް ހަމާދިން ކަން ތަހުގީގަށް އެނގިފައިވޭ،" ޝިފާއު ވިދާޅުވި އެވެ.
ޝިފާއު ވިދާޅުވީ، ދޯނީގައި ނިދާފައި އޮތް މީހާ ހޭލެވުނީ، އާސިފް ހައްމާދަށް ވަޅިން ހަމަލާ ދެމުންދަނިކޮށް ކަމަށެވެ. އަދި އެވަގުތު އެކަން ހުއްޓުވުމަށް އެމީހާ މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަން ހުއްޓުވުމަށް އެމީހާ މަސައްކަތް ކުރުމުން އެކަމުގެ ތެރެއަށް ވަނުމަށް މަސައްކަތް ނުކުރުމަށް [އާސިފް] ބުނެ، ހައްމާދަށް ގެންދިޔަ ކަމާއި އެއަފަހު ހައްމާދު މޫދަށް އެއްލާލި ކަމާއި، އަދި އާސިފް ގެންގުޅުނު ވަޅިވެސް މޫދަށް އެއްލާލި މަންޒަރު ފެނުނު ކަމަށް" ތަހުގީގަށް ނިދާފައި އޮތް މީހާ މައުލޫމަތު ދިން ކަމަށް ޝިފާއު ވިދާޅުވި އެވެ.
ޝީފާއު ވިދާޅުވީ، މާޅޮހަށް ހައްމާދު ހޯދުމަށް ދިޔައީ ނިދާފައި އޮތް މީހާ އާއި ހަމަލާދިން ނާސިފް ކަމަށެވެެ. ނިދާފައި އޮތް މީހާގެ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
އޭނާ ވިދާޅުވީ، ހައްމާދަށް ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ވަރަށް ބޮޑަށް އޭނާ ޒަހަމްވި ކަމަށެވެ.
"ބޮލުގެ މެދަކާ ހިސާބުން ފަހަތުން ގާތް ގަނޑަކަށް 10 ސެންޓިމީޓަރުގެ ޒަހަމެއް ހުރި. އަދި ބުރަކަށީން ތިން ސެންޓިމީޓަރުގެ ޒަހަމެއް ހުރި. ވާތް ފަރާތު ކަންފަތާ ދިމާލުން ގާތްގަނޑަކަށް ހަތް ސެންޓިމީޓަރުގެ ޒަހަމެއް އަދި އަގައިގެ ތިރީ ތުންފަތުން ފެށިގެން ދަތް ދޮޅީގެ ވާތް ފަރާތާ ހަމައަށް ގާތްގަނޑަކަށް ހަތަރު ސެންޓިމީޓަރުގެ ޒަހަމެއް ހުރި،" ހައްމާދަށް ލިބުނު ޒަހަމްތަކާ ގުޅޭގޮތުން ޝިފާއު ވިދާޅުވި އެވެ.
ދިނީ ހިޔާލުތަފާތުވުންތައް އުފެދުނީ ކޮންކަމަކާ ގުޅިގެންތޯ ސުވާލުކުރުމުން ޝިފާއު ވިދާޅުވީ، ސީދާ އެއީ ކޮންކަމެއް އަދި ކަށަވަރު ނުވާ ކަމަށެވެ.
"ހައްމާދާއި ނާސިފްއާއިވެސް ސުވާލުކުރުމުން [އެނގުނީ] ދީނީ ގޮތުން ދެކެވުނު ވާހަކަތަކެެއްގައި ހިޔާލުތަފާތުވީ ކަމަށް. އެހެން ނަމަވެސް އެ ވާހަކައިގައި ކޮންޓެންޓްގައި ތަފާތުތަކެއް ހުުރުމުމް މިވަގުތު ސީދާ އެކަމެއް ދަންނަވަން ދަތި،" ޝިފާއު ވިދާޅުވި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި، ހައްމާދަށް ހަމަލާ ދިނީ ދީނުގެ ނަމުގައި އެ ގުރޫޕުން ކުރި ވައްކަމެއްގެ ޒިންމާ ހައްމާދު ނެގުމަށް އެދުމުން އެކަމަށް އޭނާ އެއްބަސްނުވުމުން އެވެ. އެހެން ނަމަވެސް ޝީފާއު ވިދާޅުވީ، މިހާތަނަށް ތަހުގީގަށް އެކަން އެނިގިފައި ނުވާ ކަމަށެވެ.
ފަރުވާ ދިނުމަށްފަހު، ހައްމާދު މިހާރު ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް ފުލުހުން އިއްޔެ ވަނީ، ކުޑަ ކުއްޖަކާ ގަދަކަމުން ބަދުއަހްލާގީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކޯޓު އަމުރަކާ އެކު އޭނާ ހައްޔަރުކޮށްފަ އެވެ. އަދި މިއަދު ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.