މަދަނީ ޖަމިއްޔާތަކުގެ ބާރުވެރިކަން އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް އާންމުންނަށް އަންގައިދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ބާއްވަން ނިންމާފައިވާ 'ސޯޝަލް ވަރކަރޒް ފެއާ'ގެ ބައިވެރިވުމުގެ ފުރުސަތު މަދަނީ ޖަމިއްޔާތަކަށް ހުޅުވާލައިފި އެވެ.

އެ ފެއާ ބާއްވަން ނިންމާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު މާލޭގަ އެވެ.

މިއީ އިޖުތިމާޢީ މަސައްކަތްތުގެ ދާއިރާ ކުރިއަރުވާ، އެ ދާއިރާއަށް ޝައުގުވެރިކަން އުފައްދާ، އަދި އެ ދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު އާންމުންނާ ހިއްސާ ކުރުމުގެ ގޮތުން ބާއްވާ ފެއާއެއް ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

ޔޫތު މިނިސްޓްރީން ބުނީ އެފެއާގައި ބައިވެރިވާން ބޭނުންވާ ޖަމިއްޔާތަކުން އަންނަ އާދިއްޔަ ދުވަހުގެ ކުރިން އެ މިނިސްޓްރީގެ އީމެއިލް[email protected]އަށް އެކަން ރަސްމީކޮށް އަންގަންޖެހޭނެ ކަަމަށެވެ.

"ފެއާގައި ސްޓޯލްގެ ޖާގަ ލިބެން ހުރި ގޮތުން މި މިނިސްޓްރީ އިން ފުރުސަތު ދެވޭނީ ފެއާގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށް ނަން ފޮނުވާ ތަރުތީބުން، ޖާގަ ހުރި މިންވަރަކަށެވެ. ފެއާގައި ހުންނަ މި މިނިސްޓްރީގެ ސްޓޯލްގައި، ބައިވެރިވާ ކޮންމެ ޖަމިއްޔާއަކަށް، އެ ޖަމިއްޔާއަކުން ކުރާ މަސައްކަތްތައް ދައްކާލުމަށްޓަކައި ދެ ގޮނޑި އަދި މޭޒެއް ދެވޭނެ އެވެ." ޔޫތު މިނިސްޓްރީގެ އިއުލާންގައިވެ އެވެ.