ކޮލަންބޯ (ޑިސެމްބަރު 3): އިންޑިއާއާއި ހުޅަނގުގެ ގައުމުތަކުން ސްރީލަންކާގައި އިންވެސްޓް ކުރުމަށް އެގައުމުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ގޮވާލައްވައިފި އެވެ.

ގޯޓާބަޔަ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ މަޝްހޫރު ނޫޙެއްކަމަށްވާ "ދަ ހިންދޫ" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ސްރީލަންކާއަށް ބޭނުންވަނީ ބޭރުގެ އިންވެސްޓްމަންޓްތައް ކަމަށާ އެހެންކަމުން ސްރީލަންކާގައި އިންވެސްޓް ކުރާ ކޮންމެ ގައުމަކަށް އޭނާގެ ސަރުކާރުން މަރްހަބާ ކިޔާނެކަމަށެވެ.

ސްރީލަންކާގައި އިންވެސްޓް ކުރުމަށް އިންޑިއާ، ޖަޕާން، ސިންގަޕޫރު، އޮސްޓްރޭލިއާ އަދި ޔޫރަޕްގެ ގައުމުތަކަށާއި އެނޫންވެސް ގައުމުތަކަށް ދައުވަތު ދެއްވަމުން ގޯޓާބަޔަ ވިދާޅުވީ ސްރީލަންކާގެ އިގްތިސާދު މިހާރު ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތް ކުރެވޭނީ ބޭރުގެ އިންވެސްޓްމަންޓްތަކުގެ އެހީގައި އިގްތިސާދު ފުޅާކޮށްގެން ކަމަށެވެ.

މި ފުރުސަތު އިންޑިއާ، ޖަޕާން، ސިންގަޕޫރު، އޮސްޓްރޭލިއާ އަދި ޔޫރަޕްގެ ގައުމުތަކަށް ހުޅުވާލެވިފައިވާއިރު އެގައުމުތަކުން ސްރީލަންކާގައި އިންވެސްޓް ނުކުރާނަމަ ބެލްޓް އެންޑް ރޯޑް އިނިޝީއޭޓިވް ގެ ދަށުން ޗައިނާއިން ސްރީލަންކާގައި ކުރާ އިންވެސްޓްމަންޓްތަކާ މެދު ކަންބޮޑުވުން ފާޅުކުރުމުގެ ފުރުސަތު އެގައުމުތަކަށް ނޯންނާނެކަމަށް ގޯޓާބަޔަ ވިދާޅުވި އެވެ.

ގޯޓާބަޔަ ވަނީ އޭޝިޔާގެ ބޮޑު ދެބާރު ކަމަށްވާ ޗައިނާ އާއި އިންޑިއާގެ އަރާރުންތަކުގެ ތެރެއަށް ސްރީލަންކާ ނުވަންނާނެ ކަމަށާއި އެދެގައުމާމެދު ސްރީލަންކާ ގެންގުޅެނީ ހަމަހަމަ ސިޔާސަތެއް ކަމަށް ވިދާޅުވެފަ އެވެ.

ގޯޓާބަޔަ މިހެން ވިދާޅުވި ނަމަވެސް ޗައިނާގެ އިންވެސްޓްމަންޓްތައް ހޯދުމަށް އޭނާގެ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް މައުލޫމާތު ލިބެ އެވެ. ޗައިނާއަކީ ސްރީލަންކާގައި ކުރިންވެސް ވަރަށް ބޮޑަށް އިންވެސްޓް ކޮށްފައިވާ ގައުމެކެވެ. މުސްތަގްބަލްގައިވެސް ޗައިނާއިން ސްރީލަންކާގައި ކުރާ ވަރުގެ ބިޔަ އިންވެސްޓްމަންޓްތައް އިންޑިއާ، އާއި ހުޅަނގުގެ ގައުމުތަކުން ސްރީލަންކާގައި ނުކުރާނެ ކަމަށް އޮބްޒާވަރުން ދެކެ އެވެ.

އިންޑިއާއަކީ ޗައިނާއާ އަޅާބަލާއިރު ފައިސާގެ ގޮތުންނާއި އުމްރާނީ ތަރައްގީގެ ގޮތުންނާ އަދި ޓެކްނޮލޮޖީގެ ގޮތުން މާފަހަތުގައި އުޅޭ ގައުމަކަށްވެފައި އިންޑިއާގެ އިގްތިސާދު މަޑުޖެހިފައިވާތީ ސްރީލަންކާއަށް ބޭނުންވާވަރުގެ ބިޔަ އިންވެސްޓްމަންޓްތައް އިންޑިއާއަށް ކޮށްދޭން ދަތިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެއިތުރުން ހުދު އިންޑިއާއަކީވެސް އެގައުމުގެ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ޗައިނާފަދަ ގައުމުތަކަށް ބަރޯސާވާ ގައުމެކެވެ.

އަނެއްކޮޅުން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަކީ ސްރީލަންކާފަދަ ތިންވަނަ ދުނިޔޭގެ ގައުމުތަކުގެ ތަރައްގީ އަށްޓަކައި އެއްއިރެއްގައިވެސް އިންވެސްޓް ކޮށްދޭ ގައުމުތަކެއް ނޫނެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަކީ ތިންވަނަ ދުނިޔޭގެ ގައުމުތަކުގެ ތަރައްގީއަށް އިންވެސްޓް ކޮށްދިނުމުގެ ބަދަލުގައި އެގައުމުތަކުގައި ހުޅަނގުގެ އައިޑިއޮލިޖީ އާއި ފިކުރު ފެތުރުމަށް ޒަމާނުއްސުރެ އިސްކަން ދޭ ގައުމުތަކެކެވެ.

އެހެންކަމުން އެމެރިކާއާއި ޔޫރަޕުން އާންމުގޮތެއްގައި ތިންވަނަ ދުނިޔޭގެ ގައުމުތަކަށް ދެނީ ހުޅަނގުގެ ސްޓައިލަށް މަސައްކަތްކުރާ އެގައުމުތަކުގެ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކަށް ދޭ ކުދިކުދި މާލީ އެހީތަކާއި އާންމު ފަރުދުންނަށް ދޭ ސްކޯލާޝިޕްތައް ފަދަ ރަމްޒީ އެހީތަކެވެ. މީގެ އިތުރުން ހުޅަނގުން ގުޅުންތައް އުފައްދަނީ ތިންވަނަ ދުނިޔޭގެ ގައުމުތަކުގެ ސިފައިންގެ ލަޝްކަރުތަކާ އެވެ. އެއީ ދުނިޔޭގައި ހުޅަނގުގެ މަސްލަހަތުތައް ހިމާޔަތް ކުރުމުގައި އެހީތެރިކަން ހޯދުމުގެ ބޭނުމުގަ އެވެ.

ނަމަވެސް އެފްރިކާއާއި އޭޝިޔާގެ ފަގީރު ގައުމުތަކުގެ އިންފްރާސްޓްރަކްޗާ ބިނާކޮށްދިނުމަށް ބޭނުންވާ ލޯންތައް ޗައިނާ އިން ދެމުން ގެންދާތީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ގެންދަނީ އެއީ އެގައުމުތައް ލޯންގެ ދަލުގައި ޖައްސައި އެގައުމުތަކަށް ބާރާއ ނުފޫޒު ފޯރުވުމަށް ޗައިނާ ކުރާ ކަމެއް ކަމަށް ސިފަކޮށް ޗައިނާއަށް ފާޑު ކިޔަމުންނެވެ. ހުޅަނގުން ފާޑުކީ ނަމަވެސް އެއަށް ބެލުމެއްނެތި ކުރިއަރަމުންދާ ތިންވަނަ ދުނިޔޭގެ ގައުމުތަކުން ގެންދަނީ އެގައުމުތަކުގެ އުމްރާނީ ތަރައްގީ އާއި އިންފްރާސްޓްރަކްޗާ ބިނާކުރުމުގައި ޗައިނާއަށް ވަރަށް ބޮޑަށް ބަރޯސާވަމުންނެވެ.

ޗައިނާގެ ލޯން އެހީގެ ސަބަބުންވެސް ބައެއް ގައުމުތަކަށް ދަތިތައް ތަހައްމަލް ކުރަންޖެހޭ ފަހަރު އައިސްފައިވެ އެވެ. މިހެންވަނީ އެގައުމުތަކުގެ ސަރުކާރުތަކުގައި ހިމެނޭ ކޮރަޕްޝަނުގެ ސަބަބުންނާއި ހިންގުމުގެ ގާބިލްކަން ދައްވުމުގެ ސަބަބުން ކަަމަށް ޗައިނާއިން ބުނެ އެވެ.