އިންޑިއާ ސަރުކާރުން މިއަދު ރާއްޖެއަށް ހަދިޔާކުރި ކޯސްޓްގާޑު އުޅަނދު "ކާމިޔާބް"އަކީ ކަނޑުގެ ބޯޑަރު ބެލެހެއްޓުމަށް މުހިންމު ވަސީލަތަކަށް ވެގެންދާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން މިއަދު ވަނީ ރާއްޖެއަށް ތަފާތު ތިން ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައި، އެކަމުގެ އެއްބަސްވުންތައް ބަދަލުކޮށްފައެވެ.

އެއްބަސްވުން ބަދަލުކުރުމުގެ ރަސްމިއްޔާތުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެއްބަސްވުންތައް ބަދަލުކުރުމަށްފަހު، ބޮޑުވަޒީރު މޯދީއާ މުހާތަބުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެއާއި އިންޑިއާއަކީ އެއް ކަނޑެއްގައި އޮތް ދެ ގައުމަށް ވާއިރު، އެ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ.

އަދި މިއަދު އިންޑިއާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރި އުޅަނދު، "ކާމިޔާބް"އަކީ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގެ އިތުރުން ކުރިމަތިވެދާނެ ކޮންމެ ހާލަތެއްގައި އަވަސް ފިޔަވަޅު އެޅުމުގައި މުހިންމު ވަސީލަތަކަށް ވެގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިއަދުގެ ސަރުކާރުން އިސްކަންދެނީ ރައްޔިތުންގެ ބައިވެރިވުން އޮތް އަދި ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދޭ، ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުމަށް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ރަށެއް ތަފާތުނުކޮށް، ހުރިހާ ރަށަކަށް ހަމަހަމައަށް ކަންތައްތައް ކޮށްދިނުން ކަމަށެވެ.

އެގޮތުން މިއަދު އައްޑޫ ސިޓީގައި ގޭދޮށު މަސް ފެކްޓްރީ އެޅުމަށް އިންޑިއާއާއެކު ވެވުނު އެއްބަސްވުމަކީ އެ ސިޔާސަތުގެ ދަށުން ވެވުނު އެއްބަސްވުމެއްގެ އިތުރުން، އެއީ ސަރުކާރުގެ މުހިންމު ވައުދެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި އެމްއޯޔޫގެ ސަބަބުން މަހުގެ އަގު ރަނގަޅުވެ، މަހުގެ ވިޔަފާރިއާއި މަސް ޕްރޮސެސްކުރާ މިންވަރު އިތުރުވެ، ވަޒީފާގެ ފުރުސަތުތައްވެސް އިތުރުވެގެންދާނެ ކަމަށެވެ. އަދި އެއާއެކު ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީވެސް އިތުރުވެގެންދާނެ ކަމަށެވެ.

"މި އުންމީދުތައް ހާސިލުކުރުމަށް އިންޑިއާއިން ވެދިން އެހީތެރިކަމަށް އަޅުގަނޑުމެން ޝުކުރުވެރިވަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާގެ ގިނަ ބަޔަކު ބޭނުންކުރާ ރުޕޭ ކާޑު ރާއްޖެއަށް ތައާރަފުކުރުމުގެ އެއްބަސްވުންވެސް ދެގައުމުގެ ދެމެދު މިއަދު ވަނީ ބަދަލުކޮށްފައެވެ. ރުޕޭ ކާޑު ރާއްޖެއަށް ތައާރަފު ކުރުމާއެކު ބީއެމްއެލްގެ ކޭޝްކާޑު އޭޓީއެމްތަކުގައި މި ކާޑު ބޭނުންކުރެވޭނެއެވެ. މިއީ 2012 ވަނަ އަހަރު އިންޑިއާގެ ޕޭމަންޓްސް ކޯޕަރޭޝަނުން ތަައާރަފުކުރި ޑެބިޓް ކާޑެކެވެ.

ރައީސް ވިދާޅުވީ ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި އިންޑިއާ ފަތުރުވެރިންގެ އަދަދު ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ. ރުޕޭ ކާޑު ތައާރަފުކުރުމާއެކު އިންޑިއާ ފަތުރުވެރިންނަށް އެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަން ރާއްޖެ އާއި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެނާޖީ އެފިޝެންސީ ސާވިސަސް ލިމިޓެޑް އާއެކު މި އަހަރުގެ މާޗު މަހުގެ ތެރޭގައި ވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގެ ދަށުން މިހާރުވެސް މާލޭގެ މަގުތަކުގައި ލެޑް ބައްތި ހަރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކަލުން ސަލާމަތްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން އިންޑިއާ އަދި ރާއްޖެއިންވެސް ގަބޫލުކުރާ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ކުޑަ ފިޔަވަޅުތަކެއްކަމަށް ފެނުނަސް، މުސްތަގުބަލަށް ވިސްނާއިރު އެއީ ކާބަން ފުޓްޕްރިންޓް ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ސޮއިކުރެވިގެން ދިޔައީ މުޅި އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްލަހަތާ ގުޅުންހުރި އެއްބަސްވުންތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އިންޑިއާ ކަނޑު ހިއްސާ ކުރާ ގައުމުތަކުގެ މެދުގައި އުފައްދާފައިވާ ޖަމިއްޔާ، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރްއޭ)ގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ސަރަހައްދީ ކަންކަމުގައި ރާއްޖެއިން ބަސްބުނަން ބޭނުންވާ ކަމަށެވެ.

އެގޮތުން އިންޑިއާއާއެކު އިންޑިއާ ކަނޑުގެ މެރިޓައިމް ސެކިއުރިޓީއާއި ވިޔަފާރި ކުރިއެރުވުމަށް ރާއްޖެއިން މަސައްކަތް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެނީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ކަމަށެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިވެގެން އައުމުން ވަރަށް އުފާކުރައްވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ގުޅުމަށް ބަދަލެއް ނައިސް އޮންނާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ހާރިޖީ ގުޅުމާއި، ވިޔަފާރި އަދި ސަގާފީ ގުޅުންތައް އަލުން ބަދަހިވާން ފަށާފައި މިވަނީ ދެގައުމުގެ ސަރުކާރުންވެސް ބޭނުންވާތީ ކަމަށެވެ.