07 Dec 2019, 13:46
ހުސްވެފައިވާ ޕްރޮސެކުއުޓާ ޖެނެރަލް(ޕީޖީ)ގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ޕީޖީގެ މަގާމް ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި، އައިޝަތު ބިޝާމް މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމަގާމުން އިސްތިފާ ދެއްވުމާ ގުޅިގެންނެވެ. ޝަމީމް އެމަގާމަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދުު ސޯލިހް ނަން ފޮނުއްވެވީ، މިދިޔަ ހޯމަ ދުވަހު އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޝަމީމް އައްޔަން ކުުރުމަށް ފާސްވީ ވޯޓްގައި ބައިވެރިވި، 74 މެންބަރުންގެ އިއްތިފާގުން އެވެ.
ޖުޑީޝަރީ ކޮމިޓީން ޝަމީމްއާ އިންޓަވިއު ކުރުމަށްފަހު، އޭނާ އަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވިދާޅުވީ، ޝަމީމް އަކީ އެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށެވެ. އޭގެ ތެރޭގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފުވެސް ވަނީ ޝަމީމް ޕީޖީކަމަށް އައްޔަން ކުރުމަށް ތާއީދު ކުރާ ކަމަށް ބުނެ ވާހަކަ ދައްކާފައެވެ.
ޝަމީމް ޖުޑީޝަރީ ކޮމިޓީގެ އިންޓަވިއުގައި ވިދާޅުވެފައިވަނީ، އޭނާއަށް ޕީޖީކަމުގެ މަގާމު ލިބިއްޖެނަމަ ކުށުގެ ތުހުމަތުކުރެވޭ މީހުންނަށް ވަކި މުއްދަތެއް ނެތި ބަންދުކުރާ މައްސަލަ ހައްލެއް ހޯއްދަވާން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޕީޖީ އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ހަފްތާއަކު އެއް ގަޑިއިރު ފޮތްކިޔުމަށް ވެސް ލާޒިމުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.