09 Dec 2019, 12:38
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކައުންސިލެއް އެކުލަވާލަން ލާޒިމުކޮށް، "މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ބިލު"ގެ ނަމުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
އެ ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ.
އެ ބިލަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑާއި ތަންފީޒީ ސިޔާސަތުތައް އެކުލަވާލުމުގެ މަގުސަދުގައި ހުށަހެޅި ބިލެކެވެ.
ރާއްޖޭގެ ތަރައްގީގައި މޫސުމީ ބަދަލުތަކުން ސަލާމަތް ވުމަށް އިސްކަން ދިނުމާއި، ރާއްޖެއަކީ ލޯ އެމިޝަން ގައުމަކަށް ހެދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެ ބިލްގައި ވަނީ ބަޔާންކޮށްފަ އެވެ.
ބިލުގައިވާ ގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދުރުރާސްތާ އަދި މެދުރާސްތާގެ ޕްލޭނެއް އެންވަޔަރަމެންޓް މިނިސްޓްރީއިން ހަދަން ޖެހޭނެ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގައުމީ އެކްޝަން ޕްލޭނެއްވެސް އެކުލަވާލަން ޖެހޭނެ އެވެ.
ބިލުގައިވާ ގޮތުން، އެ ބިލު ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި މޫސުމީ ބަދަލުތަކާ ބެހޭ ގައުމީ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހޭނެ އެވެ.
އެ ކައުންސިލުގެ މަގުސަދަކީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގައުމީ ސިޔާސަތުތަކާއި، ގަވައިދުތައް ހަދައި ހިންގުމުގައި އެންވަޔަރަމެންޓް މިނިސްޓްރީއަށް ލަފާ ދިނުމެވެ. ލަފާ ދޭނެ ކަންތައްތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕްލޭންތައް އެކުލަވާލުމާއި، ބައިނަލްއަގުވާމީ މުއާހަދާތަކުން ރާއްޖެ ފުރިހަމަ ކުރަން ޖެހޭ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމާއި، މޫސުމާ ގުޅޭ ދާއިރާތަކުގެ ގާނޫނުތަކާއި ގަވައިދުތަކަށް ސިޔާސަތުތައް މުރާޖާ ކުރުމާއި އިސްލާހު ކުރުންވެސް ހިމެނެއެވެ.
ބިލުގައިވާ ގޮތުން އެ ކައުންސިލުގައި ތިބޭނީ 11 މެމްބަރެކެވެ. އެއީ:
އެންވަޔަރަމެންޓް މިނިސްޓްރީގެ އިސް މުވައްޒަފެއް
- ފައިސާއާއި މާލީ ކަންކަން ތަންފީޒު ކުރާ ސަރުކާރުގެ ވުޒާރާގެ އިސް މުވައްޒަފެއް
- ގައުމީ ތަރައްގީއާ ގުޅޭ ކަންކަން ތަންފީޒު ކުރާ ސަރުކާރުގެ ވުޒާރާގެ މުވައްޒަފެއް
- އިގްތިސާދީ ސިޔާސަތުތައް ތަންފީޒު ކުރާ ސަރުކާރުގެ ވުޒާރާގެ މުވައްޒަފެއް
- ޓޫރިޒަމްގެ ދާއިރާގައި ސިޔާސަތުތައް ތަންފީޒު ކުރާ ވުޒާރާގެ މުވައްޒަފެއް
- މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރާ ވުޒާރާގެ މުވައްޒަފެއް
- ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރާ ވުޒާރާގެ މުވައްޒަފެއް
- ލޯކަލް ކައުންސިލުތައް ހިންގުމާ ގުޅޭ ސިޔާސަތުތައް ތަންފީޒު ކުރާ ވުޒާރާގެ މުވައްޒަފެއް
- އާންމުންގެ ތެރެއިން ކައުންސިލުގައި ތަމްސީލުވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންވަޔަރަމެންޓް މިނިސްޓަރު ކަނޑައަޅާ މެމްބަރެއް
- ތިމާވެށި ހިމާޔަތް ކުރުމުގައި އުޅޭ މަދަނީ ޖަމިއްޔާތަކުން ކަނޑައަޅާ މަންދޫބެއް
- ތިމާވެށި ރައްކާތެރި ކުރުމާ ގުޅޭ ތައުލީމު ދިނުމުގެ ނުވަތަ ދިރާސާ ކުރުމުގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން މަންދޫބެއް
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފަންޑެއް
ބިލްގައިވާ ގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފަންޑެއް، ބިލަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ގާއިމުކުރަން ވާނެ ކަމަށެވެ.
ފަންޑު ގާއިމްކުރާތާ 30 ދުވަހުގެ ތެރޭގައި ފަންޑުގެ ކަންކަން ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ބޯޑެއް އެކުލަވާލަން ޖެހޭނެއެވެ. އެ ބޯޑު އެކުލެވިގެންވާނެ ގޮތަކީ:
ތިމާވެއްޓާއި މޫސުމާ ބެހޭ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކަނޑައަޅާފައިވާ ވުޒާރާގެ އިސް މުވައްޒަފެއް
- ފައިސާ އާއި މާލީ ކަންކަން ތަންފީޒު ކުރުމަށް ކަނޑައަޅާފައިވާ ވުޒާރާގެ އިސް މުވައްޒަފެއް
- ގައުމީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމަށް ކަނޑައަޅާފައިވާ ވުޒާރާގެ އިސް މުވައްޒަފެއް
އެ ފަންޑުގައި ބަހައްޓާނީ ބިލްގެ މަގްސަދުތައް ހާސިލް ކުރުމަށް ފަންޑަށްދޭ ވަސީލަތްތަކުން ލިބޭ ފައިސާ އާއި ބިލްގެ މަގްސަދުތައް ހާސިލް ކުރަން އެހީގެ ގޮތުގައި ލިބޭ ފައިސާ ކަމަށް ބިލްގައިވެ އެވެ. އެ ފަންޑުގައި ހުންނަ ފައިސާ ބޭނުން ކުރަން ޖެހޭނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރާ މަޝްރޫއުތަކަށާއި، ހޭލުންތެރިކަން ފެތުރުމަށާއި، ދިރާސާކުރުމަށް ކަމަށްވެސް ބިލުގައިވެއެވެ. އަދި އެ ފަންޑު ހިންގުމުގައި މޫސުމީ ބަދަލާ ގޫޅޭ ގައުމީ ކައުންސިލުގެ ލަފާ ހޯދަން ޖެހޭނެ ކަމަށްވެއެވެ.