އިންޑިއާ އާއި ރާއްޖެ ގުޅިގެން ކުރިއަށް ގެންދާ އެކިއެކި ޕްރޮޖެކްޓްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވައި، ޕްރޮޖެކްޓްތައް އަވަސްކުރުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލް މިއަދު މަޝްވަރާކުރައްވައިފިއެވެ.

ޕްރޮޖެކްޓުތައް އަވްސްކުރުމާ މެދު ދެ ގައުމުން މަޝްވަރާކޮށްފައި ވަނީ ފޮރިން މިނިސްޓަރު ޝާހިދުގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.

ފޮރިން މިނިސްޓަރު އިންޑިއާއަށް ވަޑައިގެންފައި މިވަނީ ޑިސެމްބަރު 13 ވަނަ ދުވަހު ބާއްވާ މޯލްޑިވްސް – އިންޑިއާ ޖޮއިންޓް ކޮމިޝަން މީޓިންގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިއަދު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި، އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ މިނިސްޓަރު ޝާހިދަށް މަރުހަބާ ވިދާޅުވެ، ކުރިއަށް އޮތް ޖޮއިންޓް ކޮމިޝަން މީޓިންއާއި ބެހޭ މައުލޫމާތު މިނިސްޓަރާއި ހިއްސާ ކުރެއްވިއެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖެއަށް ބޮޑެތި އެހީތަކެއް ދޭން އިންޑިއާ އިން ނިންމާ، އެއްބަސްވުންތައް ވަނީ ބަދަލުކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި މައިގަނޑު ތިން ދާއިރާ އަކުން އެހީ ދިނުމަށް އެއްބަސްވުންތައް ވަނީ ބަދަލުކޮށްފަ އެވެ.

އެގޮތުން މާލޭގެ މަގުތަކުގައި ލެޑް ބައްތި ހަރުކުރުމާއި ގޭދޮށު މަސްފެކްޓްރީ ގާއިމް ކުރުމަށް އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ. އޭގެއިތުރުން ކޯސްޓްގާޑަށް ފާސްޓް އިންސްޕެކްޓާ އުޅަނދެއް ވެސް އިންޑިއާ އިން ހަދިޔާކުރިއެވެ. އަދި އިންޑިއާގެ ގިނަ ބަޔަކު ބޭނުންކުރާ ރުޕޭ ކާޑު ރާއްޖެއަށް ތައާރަފު ކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.