18 Dec 2019, 09:55
ވާހަކަލިޔުންތެރިޔާ އަހްމަދު އިގްބާލް (އައިކިއު)ގެ ވާހަކަ "އެހެނަސް ހަމަ ލޯބިވޭ"ގެ މައްޗަށް އުފައްދާފައިވާ ސީރީޒް "އެހެނަސް" ސީޒަން ދޭއްގެ ޝޫޓިން މިދިޔަ އޮކްޓޯބަރު މަހު ވަނީ ފަށައިފަ އެވެ.
ސީރީޒްގެ ޝޫޓިން ބާރަށް ކުރިއަށްދާ އިރު އެހެނަސްގެ ދެވަނަ ސީޒަން ދައްކާނީ އަންނަ އަހަރު އެވެ. ރިޝްމީގެ އިންސްޓަގްރާމް ސްޓޯރީއަށް ބެލުންތެރިއަކު ކުރި ސުވާލެއްގެ ޖަވާބުދެމުން ރިޝްމީ ބުނީ އެހެނަސްގެ ދެވަނަ ސީޒަން ގެނެސްދޭނީ އަންނަ މަހު (ޖެނުއަރީ) މަހު ކަމަށެވެ.
ކުރިން އެ ސީރީޒް ދައްކަން ނިންމީ މިއަހަރު އެވެ. ނަމަވެސް ރިޝްމީ ބުނީ ބައެއް ޓެކްނިކަލް މައްސަލަތަލާ ހެދި ސީރީޒް އަންނަ ޖަނަވަރީއަށް ފަސްކޮށްލީ ކަމަށެވެ.
ޖެނުއަރީ މަހު ސީރީޒް ދައްކާނެކަން ހާމަކުރި ނަމަވެސް ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.
ބުލީކުރުމަށް މީހުން ހޭލުންތެރި ކުރުވުމުގެ މަގްސަދުގައި އުފެއްދި އެ ސީރީޒް ޑައިރެކްޓްކުރީ ރަވީ ފާރޫގެވެ.
"މި ސީރީޒް އަކީ ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއް ގެނެސްދޭނެ ސީރީޒްއެއް. ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުއްޖެއްގެ ވާހަކަ. އޭނާ ދިރިއުޅުމެއް ފަށައިގެން ދިމާވާ ކަންތައްތައް ފެނިގެންދާނެ،" ރަވީ ބުންޏެވެ.
މާލޭގައި ޝޫޓްކުރުމަށް ހަމަޖެހިފައިވާ އެހެނަސް ސީޒަން އެކަކުން ފެނުނު ރަޔާން ކެރެކްޓާއެއް މި ސީޒަނުން ނުފެންނާނެ އެވެ. އާ ތަރިންތަކެއް ހިމެނޭ ގޮތަށް އަދި ކުރީ ސީޒަންގެ އެހެން ތަރިންވެސް ހިމެނޭ ގޮތަށް ދެވަނަ ސީޒަންގެ ޝޫޓިން ފެށިއިރު ދެވަނަ ބައިގައި އާ ކެރެކްޓާތަކެއް ފެނިގެންދާނެ އެވެ.