"ހައި ސެކިއުރިޓީ" ގައި ނުވަތަ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެން، މަސްތުވާތަކެތީގެ ހިދުމަތް ދިން ފަސް ގެއެއް ބަލައި ފާސްކޮށް، 33 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ، މިމަހު ފަސް ވަނަ ދުވަހުން ފެށިގެން ފެށި އެ އޮޕަރޭޝަންގައި ބަލާ ފާސްކުރި ފަސް ގެއަކީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތަަކަށް ނިސްބަތްވާ ފަރާތްތަކުން މާލޭގެ ބައެއް ގެތައް ކުއްޔަށް ހިފައިގެން "ކެފޭގެ އުސޫލުން" މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އޭގެ ހިދުމަތް ދެމުން އަންނަ ގެތައް ކަމަށެވެ.

"މި އޮޕަރޭޝަންތަކީ، އެ ތަނުގެ ވެރިފަރާތް ޒިންމާދާރުކުރުމަށް ނުވަތަ ޖިނާއީ ތަހުގީގު ހިންގައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްޓަކައި، ހިންގާ އޮޕަރޭޝަންތަކެއްކަން ފާހަގަ ކުރަން" ފުލުހުން ބުންޏެވެ.

އެ ގެތަކުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެއްޗާއި، އެ ބޭނުން ކުރުމަށް ބޭނުންކުރާ އާލަތްތައްވެސް ވަނީ ފެނިފައެވެ.

މި އޮޕަރޭޝަނުގައި އެންމެ ފަހުން ބަލައި ފާސްކޮށްފައިވަނީ، މ. ލޮނުމިދިލިގެ އެވެ. މިރޭ ފުލުހުން އެ ގެ ބަލާ ފާސްކުރި އިރު، އެގެއިން 18 އަހަރު ނުފުރޭ ހަތަރު ކުޑަ ކުއްޖަކު ހައްޔަރު ކުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ލޮނުމިދިލިގެ އިތުރުން ބަލާ ފާސްކުރި ގެތަށް ހައްޔަރު ކުރި މީހުންގެ އަދަދާއި ތާރީހާއެކު:

  • ޑިސެމްބަރު 5: މ. ފެޝަންމީޑާ - 11 މީހުން

  • ޑިސެމްބަރު 12: މ. ނަދީއިރުމަތީބައި - 4 މީހުން
  • ޑިސެމްބަރު 16 ހ. ވެލިރަންގެ - 10 މީހުން
  • ޑިސެމްބަރު 18: ގ. މެމޮރީވިލާ - 4 މީހުން

ކެފޭއެއްގެ އުސޫލުން މަސްތުވުމުގެ ހިދުމަތް ދެމުން ދިޔަ މ. ލޮނުމިދިލިގެ: ފުލުހުން މިރޭ އެގެއިން 18 އަހަރުން ދަށުގެ ހަތަރު ކުދިން ހައްޔަރުކޮށްފައި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ފުލުހުން މިރޭ ވަނީ ލޮނުމިދިލިގެ ބަލާ ފާސްކުރުމަށްފަހު، އެ ގެ ނޫސްވެރިންނަށް ދައްކާލާފައެވެ. އެގޮތުން އެ ގޭގެ އެންމެ އެތެރޭގައި ހުރި ބައިގައި ވަނީ އެތެރެއިން އެކްސެސް ދިނުމާއެކު ވަދެވޭ ގޮތަށް ހަދައި، ދަގަނޑު ގޭޓޭއްލައިފައެވެ. މަތީގައި ކުދި ދެ ކޮޓަރި ހުރި އިރު، އެތަނުގައި މަސްތުވާތަކެތި ބޭނުން ކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތަކެއް ހުއްޓެވެ. ދެ ކޮޓަރީގައިވެސް މޭޒަކާއެކު ވަށައިގެން ގޮޑި ޖަހާފައި ހުއްޓެވެ. އެ ކޮޓަރިތަކުގައި ކުރާހާ އެކި ޒާތް ޒާތުގެ މެސެޖުތައްވެސް ލިޔެފައިވެއެވެ. އެގޮތުން އެ ކޮޓަރީގައި މަސްތުވާތަކެތި ބޭނުން ކުރަން އަންނަ މީހުން އަމަލުކުރަން ޖެހޭ އުސޫލުތައްވެސް ލިޔެފައިވެއެވެ. އަދި ހަޑި ހުތުރު ބަހުން އެކި ޒާތް ޒާތުގެ ކުރެހުންތަކާއި ބަސްތަވެސް ލިޔެފައިވެއެވެ.

ލޮނުމިދިލިގޭ މެދު ބައިގައި ހުރީ، އޭސީކޮށް ބަންކް ދެ އެނދު ބަހައްޓައި ނިދާ ގޮތަށް ހަދާފައެވެ. އަދި މެދުގައި ސޯފާތަކާއި، ޓީވީ ބެލޭނެ ގޮތް ވަނީ ހަދާފައެވެ. ކުޑަ ހަތަރު ކުދިން ހައްޔަރުކޮށްފައިވަނީ އެ ބައިނެވެ.

ކެފޭއެއްގެ އުސޫލުން މަސްތުވުމުގެ ހިދުމަތް ދެމުން ދިޔަ މ. ލޮނުމިދިލިގެ: އެގޭގައި ނިދާގޮތަށް ހަދާފައި ހުރި ބައި، ހަތަރު ކުދިން ހައްޔަރުކޮށްފައި ވަނީ އެބައިން --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މަސްތުވާތަކެތީގެ ގާނޫނު ބުނާގޮތުން އެއްވެސް ތަނެއްގައި ޖަދުވަލު އެކެއް އަދި ޖަދުވަލު ދޭގައި ވާ މަސްތުވާއެއްޗެއް ޓްރެފިކްކުރަން ނުވަތަ ޕެޑްލްކުރަން ނުވަތަ އުފައްދަންވިޔަސް ހުއްދަ ދިނުމާއި ހުއްދަ ކުރުމަކީ ކުށެކެވެ. އެ ކުށުގެ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. އަދި އެއްވެސް ތަނެއްގައި މަސްތުވާތަކެތި ބޭނުންކުރާނެ ކަމަށް ގަބޫލު ކުރެވޭ ހާލު ނުވަތަ އެފަދަ ކަމަކަށް ޝައްކު ކުރެވޭ ހާލަތުގައިވެސް އެތަނުގައި ބަޔަކު އުޅެން ހުދަ ދިނުމަކީ ކުށެއް ކަމަށް މަސްތުވާތަކެތީގެ ގާނޫނުގައި ބުނެފައިވެ އެވެ. އެ ކުށުގެ އަދަބަކީ ދެ އަހަރަށް ޖަލަށް ލުމެވެ.