ޓެކްސީ ޑްރައިވަރު ގާސިމް ހަސަން ޓެކްސީ ތެރޭގައި އިންދައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.

މިކަން ހާމަ ކުރެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެެއްގައެވެ. ޓްވީޓްގައި ހަމީދު ވިދާޅުވީ، ގާސިމްގެ މަރާ ގުޅިގެން ފިރިހެނަކު ދާދި ދެންމެއަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ފުލުހުން ހިންގި ތަހުގީގީ މަސައްކަތައް އަޅުގަނޑު ފަހުރުވެރިވަން،"ހަމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަމާ ގުޅޭ އިތުރު މައުލޫމަތު މާދަމާ ހާމަ ކުރައްވާނެ ކަމަށެވެ.

އަނިޔާވެރި ގޮތަކަށް ގާސިމް މަރާލާފައިވަނީ، މިމަހު ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލެއިންނެވެ. އޭނާ ޒަހަމްތަކާއެކު ފެނިފައިވަނީ، އޭނާގެ ކާރާ މާ ދުރު ނޫން ހިސާބެއްގައި މަގުމައްޗަށް ވެއްޓިފައި އޮއްވައެވެ. އޭރު ގާސިމްގެ ކަރާއި އަތުގައި ފުން ޒަހަމްތަކެއް ހުއްޓެވެ. އޭނާ މަރުވީ، ހޮސްޕިޓަލަށް ގެންދިޔުމަށް ފަހުގައި ކަމެއް ނުވަތަ އޭގެ ކުރިން ކަމެއް ކަށަވަރެއް ނޫންނެވެ. މަރު ކަށަވަރުކޮށްފައިވަނީ ހޮސްޕިޓަލަށް ގެންދެވުނުތާ 30 މިނުޓެއްހާ ފަހުން ކަމަށް އޭރު ހުޅުމާލޭ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކުރި ޓްވީޓެއްގައި ވިދާޅުވީ، ގާސިމް މަރާލި މައްސަލައިގައި ކްރައިމް ސީންއިން މުހިންމު ޑީއެންއޭ އާއި ފިންގާ ޕްރިންޓުތަކެއް ލިބިފައިވާ ކަމަށާއި އެ ތަކެތި އެނަލައިޒްކޮށް ގާތިލުން ދެނެގަތުމުގައި ކުރިއެރުން ހޯދިފައިވާ ކަމަށެވެ.

މިއީ މިއަހަރު އަނިޔާވެރިގޮތަކަށް މީހަކު މަރާލި ދެވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ މަރާލީ، ބިދޭސީންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި، އެޕްރީލް 21 ވަނަ ދުވަހު ށ.ޅައިމަގު ފަޅުތެރޭގައި އޮތް ކުރިމަގު ބޯޓުގައި މަސައްކަތް ކުރި ބަންގްލަދޭޝްއަށް ނިސްބަތްވާ ލުތުފަރެވެ.