23 Dec 2019, 09:45
އިޓާލިއަން ސުޕަ ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ފަސޭހަކަމާ އެކު ބަލިކޮށް ލާޒިއޯއިން ތަށި އުފުލާލައިފި އެވެ.
ސައުދީ އަރަބިއާގެ ރިޔާޒް ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ޔުވެންޓަސްގެ މައްޗަށް ލާޒިއޯ އިން ކުރި ހޯދީ 1-3ގެ ނަތީޖާއަކުންނެވެ. މިއީ މޯރީޒިއޯ ސަރީ ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވި ފަހުން ލާޒިއޯއިން ޔުވެންޓަސް ބަލިކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް ހަމަ އެ ނަތީޖާއިން މި މަހުގެ އަށްވަނަ ދުވަހު ބަލި ކުރީ އިޓާލިއަން ލީގުގަ އެވެ.

ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރޭގެ މެޗަށްފަހު މާޔޫސްވެފައި --- ފޮޓޯ// އޭޕީ
ރޭގެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ލާޒިއޯއިންނެވެ. މެޗު ފެށިގެން ޔުވެންޓަސް އިން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރަމުން ދިޔަ ދަނޑިވަޅުގައި ލާޒިއޯއަށް އެ ގޯލު ޖަހައިދިނީލުއިސް އަލްބާޓޯ އެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޕައޮލޯ ޑީބަލާ ވަނީ ޔުވެންޓަސް އަށް އެއްވަރުކޮށްދީފަ އެވެ.
ލާޒިއޯ އަލުން ލީޑު ހޯދީ މޮޅުވީ ދެ ވަނަ ހާފުގައި ސެނާޑް ލުލިޗް އަދި ޑަނީލޯ ކަޓަލްޑީ ޖެހި ދެ ގޯލުންނެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭ ޔުވެންޓަސްގެ ރޮޑްރިގޯ ބެންޓަކޫރް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ. ރޭގެ މެޗުގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޔުވެންޓަސްގެ ކޯޗު ސަރީ ބުނީ މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށެވެ. އަދި އެކަމަށް ސަޕޯޓަރުންގެ ފަރާތުން މައާފަށް އެދޭ ކަމަށާއި ކުރިއަށް ހުރީ މިއަށްވުރެން ބޮޑެތި މުބާރާތްތަކެއް ކަމުން އަމާޒަކީ އެ މުބާރާތްތައް ކަމަށް ސަރީ ވަނީ ބުނެފަ އެވެ.
"ދެ މެޗަކުން ބަލިވި ނަމަވެސް ކުޅުންތެރިންނަށް މާ ބޮޑު އަސަރެއް ނުކުރާނެ. ލާޒިއޯ އަކީ އަހަރެން މީގެ ކުރިން ވެސް އެތައް ފަހަރަކު ބަލިކުރި ޓީމެއް. ހަގީގީ އަމާޒަކީ ޗެމްޕިއަންސް ލީގު ފަދަ ބޮޑެތި މުބާރާތްތައް." ސަރީ ބުންޏެވެ.
ޔުވެންޓަސް މި މެޗަށް ފަހު އަނބުރާ އިޓަލީއަށް ދަތުރުކުރާ އިރު ދެން އެންމެ އަވަހަށް ވެސް އެ ޓީމަށް މެޗެއް އޮންނާނީ އަންނަ އަހަރުގެ ޖަނަވަރީ މަހު އެވެ.