24 Dec 2019, 14:59
ދިއްލީ (ޑިސެމްބަރު 24): އިންޑިއާގައި ގައުމީ ފެންވަރުގައި ރަށްވެހިންގެ ލިސްޓެއް އެކުލަވާލުމާ ބެހޭ ގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ހޯމް މިނިސްޓަރު އަމިތު ޝާހު ދެގޮތަކަށް ވާހަކަ ދައްކަވައިފި އެވެ.
މިދިޔަ މަހު އިންޑިއާގެ ޕާލިމެންޓުގައި ވާހަކަ ދައްކަވަމުން ޝާހު ވަނީ މިދިޔަ އޮގަސްޓު މަހު އައްސާމްގައި ރަށްވެހިންގެ ލިސްޓެއް ހެދި ފަދައިން، މުޅި ގައުމުގައިވެސް އެފަދަ ލިސްޓެއް އެކުލަވާލާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ނެޝަނަލް ރެޖިސްޓާ އޮފް ސިޓިޒެންސް (އެންއާރުސީ) އެކުލަވާލާނީ ސިޓިޒެންޝިޕް އެމެންޑްމެންޓް އެކްޓު (ސީއޭއޭ) ފާސް ކުރުމަށް ފަހު ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން މިއަހަރު އިންޑިއާގައި ބޭއްވި އާއްމު އިންތިހާބުން ބީޖޭޕީއަށް ބޮޑު އަޣުލަބިއްޔަތެއް ލިބުމުން، މިދިޔަ ޖޫން މަހު ރައީސް ރާމް ނާތު ކޯވިންދުވެސް ވަނީ އެންއާރުސީ އެކުލަވާލުމަކީ ސަރުކާރުގެ އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
އެއަށް ފަހު، މި މަހުގެ 11އިގައި ޕާލިމެންޓުން ވަނީ ސީއޭއޭ ފާސްކޮށްފަ އެވެ. އަދި އޭގެ ފަހު ދުވަހު ރައީސް ކޯވިންދު ވަނީ އެ ބިލު ތަސްދީގު ކުރައްވާފަ އެވެ. އެ ގާނޫނާ ދެކޮޅަށް އިންޑިއާގެ އެކި ސަރަހައްދުތަކުގައި މިހާރު ކުރިއަށްގެންދާ މުޒާހަރާތަކުގައި މިހާތަނަށް 20އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ނަމަވެސް އާދިއްތަ ދުވަހު ދިއްލީގައި ބޭއްވި ރެލީއެއްގައި މޯދީ ވަނީ އެސަރުކާރުން ވެރިކަމަށް އައި ފަހުން އެންއާރުސީއާ ބެހޭ ގޮތުން މަޝްވަރާކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންގެ ސަރުކާރު 2014 ވަނަ އަހަރު ވެރިކަމަށް އައި ފަހުން، އެންއާރުސީއާ ބެހޭ އެއްވެސް މަޝްވަރާއެއް ކުރިއަށް ގެންގޮސްފައި ނުވޭ،" މޯދީ ވިދާޅުވި އެވެ.
މޯދީ އެފަދައިން ވިދާޅުވުމުން، އެންއާރުސީއާ ބެހޭ ގޮތުން އިތުރުފުޅު ހައްދަވަނީ ކޮން ބޭފުޅެއްތޯ ނޫސްވެރިން ސުވާލު ކުރުމުން ބޮޑުވަޒީރުގެ އޮފީހުން ޖަވާބެއް ދީފައި ނުވެ އެވެ.
އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތަކަކީ މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން އެސަރުކާރާ ދެކޮޅަށް ކުރާ އެންމެ ވަރުގަދަ މުޒާހަރާތަކެވެ. އެ ގާނޫނުގައި ވަނީ އެގައުމަށް ގަވާއިދާ ހިލާފަށް އެތެރެވާ އަފްގާނިސްތާން، ޕާކިސްތާން އަދި ބަންގުލަދޭޝްގެ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ލިބޭނެ ގޮތް ހަދައިފަ އެވެ.
އިންޑިއާގެ ސަރުކާރުން ވަނީ އެ އިސްލާހު ފާސް ކުރީ މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުގައި އެހެން ދީނަކަށް ތަބާވުމުގެ ސަބަބުން އަނިޔާއާ ފުރައްސާރައާ ކުރިމަތިލާން ޖެހޭ މީހުންނަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ކަމަށް ބުނެފަ އެވެ.
ނަމަވެސް އެބިލަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ ސަރުކާރުން ގެންގުޅޭ "ހިންދޫ ވަތަނީ" އެޖެންޑާގެ ދަށުން އެގައުމުގެ 200 މިލިއަނަށް ވުރެ ގިނަ މުސްލިމުން އެކަހެރި ކުރުމަށް ފާސް ކުރި އިސްލާހެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި މުޒާހަރާ ކުރާ އެހެން މީހުން ވަނީ އެ ގާނޫނުގެ ސަބަބުން ގަވާއިދާ ހިލާފަށް އިންޑިއާއަށް އެތެރެވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބުނެފަ އެވެ.
މިދިޔަ އޮގަސްޓު މަހު އައްސާމުން އެކުލަވާލި ރަށްވެހިންގެ ލިސްޓުގައި އެސްޓޭޓުގައި ދިރިއުޅޭ 1.9 މިލިއަން މީހުންގެ ނަން ހިމަނާފައި ނުވެ އެވެ. އަދި އެ މީހުންގެ ރަށްވެހިކަން ގެއްލުމުގެ ބިރު ވަނީ ހީވެފަ އެވެ.
ނަމަވެސް އާ ރަށްވެހިކަމުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން، އެ ލިސްޓުގައި ހިމެނޭ އަފްގާނިސްތާން، ޕާކިސްތާން އަދި ބަންގުލަދޭޝްގެ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ލިބޭނެ އެވެ.
އެލިސްޓުގައި އިންޑިއާގެ ރައްޔިތުންގެ ގޮތުގައި ހިމަނާފައި ވަނީ 24 މާޗް 1971ގެ ކުރިން އައްސާމްގައި ދިރިއުޅުނުކަން ސާބިތު ކުރެވޭ މީހުންގެ ނަންތަކެވެ. އެތާރީހަކީ ބަންގުލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމަ ފެށުމުން ގިނަ އަދަދެއްގެ ރެފިއުޖީން އިންޑިއާއަށް ދާން ފެށި ތާރީހެވެ.