ކާބުލް (ޑިސެމްބަރު 26): އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުން ޕީޕަލްސް ޕީސް މޫވްމެންޓް (ޕީޕީއެމް) ކިޔާ ސުލްހައަށް މަސައްކަތް ކުރާ ޖަމްއިއްޔާގެ 27 އެކްޓިވުސްޓުން ރަހީނުކޮށްފި ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އަފްޣާނިސްތާނުގައި ހަމަލާތައް ދިނުން ހުއްޓާލައި، ސުލްހަ ގާއިމު ކުރުމަށް ގޮވާލަމުން އެގައުމުގެ ހުޅަނގުގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރަމުން ދިޔަ ޕީޕީއެމްގެ އެކްޓިވިސްޓުން ރަހީނު ކުރީ ފަރަހު ކިޔާ ޕްރޮވިންސަކުންނެވެ.

އެ ޕްރޮވިންސުގެ ފުލުހުންގެ ތަރުޖަމާނު މުހީބުﷲ މުހީބު ވިދާޅުވި ގޮތުގައި ތާލިބާނުން ވަނީ އެޖަމްއިއްޔާގެ މެމްބަރުން ތިބި ހަ އުޅަނދަކަށް މިދިޔަ އަންގާރަ ދުވަހު ހަމަލާދީފަ އެވެ. އަދި އެ އުޅަނދުތަކަށް އަރައިގެން އެމީހުން އެހެން ސަރަހައްދަކަށް ގެންގޮސްފަ އެވެ.

މުހީބު ވަނީ އެ އެކްޓިވިސްޓުން ހޯދާ، އެ މީހުން ސަލާމަތް ކުރެވޭތޯ ފުލުހުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އެ ހާދިސާއާ ބެހޭ ގޮތުން ތާލިބާނުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ. ނަމަވެސް މީގެ ކުރިން އެޖަމާއަތުން ވަނީ ޕީޕީއެމްއަކީ ސަރުކާރުން ހަރަދުކޮށްގެން ހިންގާ ޖަމްއިއްޔާއެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

އަފްޣާން ސަރުކާރާއި ސިފައިންނާއި އެމީހުންނަށް ވާގިވެރިވާ އެމެރިކާ ސިފައިންނަށް ހަމަލާ ދެމުންދާ ތާލިބާނުން މިހާރު ދަނީ އެގައުމުގެ ދެބައިކުޅަ އެއްބަޔާ ގާތް ކުރާ ވަރުގެ ސަރަހައްދެއް ކޮންޓްރޯލު ކުރަމުންނެވެ.

ތާލިބާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ ވާހަކަތައް ކުރިއަށްގެންދިޔުމަށް ފަހު، މިއަހަރު ތެރޭ ސުލްހައިގެ އެއްބަސްވުމެއްގެ ޑްރާފްޓް އެކުލަވާލި އެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު އެޖަމާއަތުން ކާބުލްގައި ދިން ހަމަލާއެއްގައި އެމެރިކާގެ ސިފައިންގެ މީހަކު މަރުވުމުން، ތާލިބާނާއެކު ބާއްވަން އޮތް ސުލްހައިގެ ވާހަކަތައް ކެންސަލް ކުރަން ނިންމެވިކަން އެމެރިކާގެ ރައީސް އިއުލާން ކުރެއްވި އެވެ.