27 Dec 2019, 11:58
އިންޑިއާގެ އެހީގައި ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ފަށައި، މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން ރަށު ކައުންސިލްތަކުގެ ލަފާ އަދި މަޝްވަރާ ހޯދައިފި އެވެ.
މިއީ އިންޑިއާއިން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނީ މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ ކޮންސަލްޓެންސީ އާއި ޑިޒައިންގެ މަސައްކަތް ކުރަނީ މުމްބާއީގެ ޝާހް ޓެކްނިކަލް ކޮންސަލްޓަންޓްސް ކިޔާ އަމިއްލަ ކުންފުންޏަކުން ކަމަށެވެ.
އެކުންފުނިން މިހާރު ވަނީ އެ މަސައްކަތް ފަށައިފަ އެވެ. އެމްބަސީން ބުނީ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ގޮތާއި، ޑިޒައިންގެ މަސައްކަތަށް ކައުންސިލްތަކުގެ ބަސް ވަރަށް މުހިންމު ކަމަށެވެ.
އެގޮތުން މިހާރު 34 ރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކޮށް ލަފާ ހޯދާފައިވާ ކަމަށާއި ވަރަށް އަވަހަށް މަޝްރޫއުތައް އެވޯޑު ކުރުމަށް ބޭނުންވާ ރިޕޯޓުތަކާއި ބިޑް ޑޮކިއުމަންޓުތައް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެމްބަސީން ބުންޏެވެ.
އެމްބަސީން މަސައްކަތް ކުރަމުން އަންނަނީ އަންނަ މާޗު މަހުގެ ތެރޭގައި މަސައްކަތް ހަވާލު ކުރުމަށެވެ.
މި މަޝްރޫއުގެ ދަށުން 16 އަތޮޅެއްގެ 34 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރެވިގެންދާއިރު، މިއީ މިހާ ގިނަ އަދަދެއްގެ ރަށްތައް ހިމެނޭ ގޮތުން ކުރިއަށް ގެންދާ މިފަދަ އެންމެ ބޮޑު މަޝްރޫއު އެވެ.
އެމްބަސީން ބުނީ ދިވެހި ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަކީ ދިވެހި ސަރުކާރުގެ އިތުރުން އިންޑިއާ ސަރުކާރުން ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ވެސް ކުރިއަށް ދަނީ ރައްޔިތުންނާއި މުޖުތަމައުއަށް ބޭނުންވާ ކަންކަމަށް އިސްކަން ދީގެން ކަމަށެވެ.
އެގޮތުން އިންޑިއާގެ ކްރެޑިޓް ލައިންގެ އެހީގައި 13 ރަށެއްގައި ފެނާއި ނަރުދަމާ، 19 ރަށެއްގައި ފެނުގެ ނިޒާމު އަދި ދެ ރަށެއްގައި ނަރުދަމާ ގާއިމު ކުރެވިގެންދާނެ އެވެ.
ފެނާ ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދާ ރަށްތައް:
ހދ. ވައިކަރަދޫ
ށ. ޅައިމަގު
ކ. ގާފަރު
އއ. މާޅޮސް
އދ. ދިގުރަށް
ވ. ތިނަދޫ
މ. މަޑުއްވަރި
ފ. ދަރަނބޫދޫ
ދ. ބަނޑިދޫ
ތ. ހިރިލަންދޫ
ލ. މާބައިދޫ
ގދ. ފަރެސްމާތޮޑާ
ގދ. ހޯނޑެއްދޫ
ހަމައެކަނި ފެނުގެ މަޝްރޫއު ކުރިއަށް ގެންދާ ރަށްތައް: (19 ރަށް)
ހއ. ކެލާ
ހއ. ބާރަށް
ށ. ފުނަދޫ
ނ. މަނަދޫ
ޅ. ކުރެންދޫ
ކ. ކާށިދޫ
ވ. ފުލިދޫ
ވ. ފެލިދޫ
މ. ކޮޅުފުށި
މ. މުލި
ފ. ބިލެތްދޫ
ދ. މީދޫ
ލ. ގަން
ލ. އިސްދޫ
ލ. މާމެންދޫ
ގއ. ދާންދޫ
ގއ. ގެމަނަފުށި
ގއ. މާމެންދޫ
ގދ. މަޑަވެލި
ހަމައެކަނި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދާ ރަށްތައް:
އއ. ތޮއްޑޫ
އދ. ދަނގެތި