29 Dec 2019, 09:12
އިންޑިއާގައި މިހާރު ސަރުކާރާ ދެކޮޅަށް ކުރިއަށްގެންދާ މުޒާހަރާތަކުގައި 25 މީހަކު މަރުވެ، ގިނަ އަދަދެއްގެ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. އެ މުޒާހަރާތަކުގެ ތެރޭ ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ވަނީ އިންސާނިއްޔަތު ކަމުގެ ލާމަސީލު ނަމޫނާއެއް ދައްކާލާފަ އެވެ.
އުއްތަރަ ޕްރަދޭޝްގެ މުސްލިމު އިލްމުވެރިއެއް ކަމަށްވާ ހާޖީ ގާދިރު ބުނި ގޮތުގައި ފިރޯޒުއާބާދު ޑިސްޓުރިކްޓުގައި ހުންނަ މުހައްމަދު މިސްކިތުގައި އޭނާ ނަމާދު ކުރަން ހުއްޓައި ބަޔަކު ފުލުހަކާ ދިމާލަށް ގާ އުކާ މަންޒަރު ފެނުނެވެ. އަދި އޭނާ ވަގުތުން ގޮސް އެހަމަލާ ހުއްޓާލުމަށް އެދުނެވެ.
ނަމަވެސް އަޖޭ ކުމާރު ކިޔާ އެ ފުލުސް މީހާއަށް މާ ދުރަށް ނުދެވެނީސް، އެމީހުން އަނެއްކާ ވެސް އޭނާއާ ދިމާލަށް ގާ އުކަން ފެށި އެވެ. އެހާ ހިސާބުން ގާދިރު ނިންމީ އޭނާގެ ފުރާނައަށްވެސް ނުބަލާ ކުމާރު ސަލާމަތް ކުރެވޭތޯ އެވެ.
"މިސްކިތުގައި ނަމާދު ކުރަން ހުއްޓާ ފެނުނީ ޕޮލިސް ޔުނިފޯމެއްގައި ހުރި މީހަކާ ދިމާލަށް ބަޔަކު ގާ އުކާތަން. އަހަރެން އެތަނަށް ގޮސް، އެމީހާ ދޫކޮށްލުމަށް އެދުނިން. އޭގެ ފަހުން އޭނާ ކުޑަ ތަންކޮޅަކަށް ދިޔަ ތަނުން އަނެއްކާ ވެސް ހަމަލާ ދޭން ފެށި. ދެން އަހަރެން ބުނިން އޭނާ މަރާ ނަމަ އޭގެ ކުރިން އަހަރެން މަރާށޭ،" ގާދިރު ބުންޏެވެ.
ޓައިމްސް އޮފް އިންޑިއާއާ ވާހަކަ ދައްކަމުން ގާދިރު ބުނި ގޮތުގައި އޭގެ ފަހުން އެ މީހުން ގާ އުކުން ހުއްޓާލި އެވެ. އަދި ދެން ކުމާރު ގޮވައިގެން ގާދިރު ދިޔައީ އޭނާގެ ގެޔަށެވެ. އަދި ކުމާރަކީ ފުލުހެއްކަން ނޭނގޭ ގޮތަށް އޭނާ ލާން ކުރުތާއެއް ދިނުމަށް ފަހު، އެ ގެޔާ އެންމެ ކައިރީ ހުރި ޕޮލިސް ސްޓޭޝަނަށް ސައިކަލުން ކުމާރު ގެންދިޔައީ އެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގަނޫނާ ދެކޮޅަށް ޗަންދިގަރުގައި ބޭއްވި މުޒާހަރާއެއް -- ފޮޓޯ: ރޮއިޓާސް
ނަމަވެސް ޕޮލިސް ސްޓޭޝަނަށް ދިޔުމާ އެކު އަނެއްކާ ވެސް އެމީހުންނަށް ބަޔަކު ގަލުން ހަމަލާ ދޭން ފެށި އެވެ. އެހާ ހިސާބުން ގާދިރުގެ ފުރާނަ ސަލާމަތްކޮށްދިނީ ކުމާރު އެވެ.
"އަހަރެމެން ޕޮލިސް ސްޓޭޝަނަށް ދިޔުމާ އެކު އެސްޓޭޝަނަށް އެމީހުން ގާ އުކަން ފެށި. އެހެންވެ ކުމާރު އަހަރެން ޕޮލިސް ސްޓޭޝަނަށް ވައްދާ، އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިން. އަހަރެމެން ދެ މީހުން އެކަކު އަނެކަކު ސަލާމަތް ކުރީ،" ގާދިރު ބުންޏެވެ.
އެ ހަމަލާތަކުގައި ކުމާރުގެ އަތް ބިންދައިގެން ދިޔުމުގެ ސަބަބުން އޭނާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ. އަދި އޭނާ ހޮސްޕިޓަލުން ދޫކޮށްލި ފަހުން، ކުމާރުގެ އާއިލާއިން ވަނީ ގާދިރު އެގެޔަށް ގެންދިޔުމަށް ފަހު އޭނާއަށް ޝުކުރު އަދާކޮށްފަ އެވެ.
މީގެ އިތުރުން ފިރޯޒުއާބާދުގެ ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ސަޗެންދުރަ ޕަޓޭލް އާއި އާގްރާގެ އިންސްޕެކްޓަރު ޖެނެރަލް ސަތިޝް ގަނޭޝް އާއި އެހެން ފުލުހުން ވެސް ވަނީ ގާދިރުގެ ހިތްވަރަށް ތައުރީފުކޮށްފަ އެވެ.
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުން ދަނީ މިމަހުގެ 11ގައި ޕާލިމެންޓުން ފާސްކޮށް، ޖެހިގެން އައި ދުވަހު ތަސްދީގުކޮށްފައިވާ ރަށްވެހިކަމުގެ ގާނޫނުގެ އިސްލާހަކާ ދެކޮޅަށެވެ.
އެ އިސްލާހުގައި ވަނީ ބަންގުލަދޭޝް، ޕާކިސްތާނު އަދި އަފްޣާނިސްތާނުން އިންޑިއާއަށް ގަވާއިދާ ހިލާފަށްދާ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ދެވޭނެ ގޮތް ހަދާފަ އެވެ. އަދި އެ ގާނޫނާ ދެކޮޅު މީހުން ވަނީ އެއީ މުސްލިމުންނާ މެދު ތަފާތު ކުރާ ގާނޫނެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.