29 Dec 2019, 15:09
ކެންބެރާ (ޑިސެމްބަރު 29): އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސް (އެސްޑަބްލިއު)ގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވާލުމަށް ހިލޭސާބަހަށް މަސައްކަތް ކުރާ މީހުންނަށް ބަދަލު ދޭނެކަން އެގައުމުގެ ސަރުކާރުން އިއުލާންކޮށްފި އެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވި ގޮތުގައި ހިލޭ މަސައްކަތް ކުރާ ފަޔާފައިޓަރުންނަށް 10 ދުވަހަށް ވުރެ އިތުރަށް މަސައްކަތް ކުރަން ޖެހުނު ނަމަ އެމީހުންނަށް ބަދަލުގެ ގޮތުގައި ދުވާލަކަށް 209 ޑޮލަރަށް އެދެވޭނެ އެވެ.
ނިއު ސައުތު ވޭލްސް ރޫރަލް ފަޔާ ސާވިސް (އާރުއެފްއެސް)ގައި 70،000 އަށް ވުރެ ގިނަ މެމްބަރުން ތިބެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އެހެން ވަޒީފާތައް އަދާ ކުރަމުން، އަލިފާން ނިއްވުމުގައި ހިލޭ މަސައްކަތް ކުރާ މީހުންނެވެ.
"އާރުއެފްއެސްގެ ދަރުމަވެރިންގެ ހިދުމަތަށް އެމީހުން އަގެއް ބޭނުން ނުވާކަން އަޅުގަނޑަށް އެނގޭ. ނަމަވެސް އެމީހުންގެ މަސައްކަތުގެ ސަބަބުން އެމީހުންނާއި އެމީހުންގެ އާއިލާތަކަށް ބިލުތައް ނުދެއްކި ތިބެން ނުވަތަ މާލީ ގޮންޖެހުންތަކާ ކުރިމަތިލާން އަޅުގަނޑު ބޭނުމެއް ނޫން،" މޮރިސަން ވިދާޅުވި އެވެ.
އޮސްޓްރޭލިއާގެ ހޫނު މޫސުމުގައި އެގައުމުގެ އެކި ސަރަހައްދުތަކުގައި ރޯވުމަކީ އާއްމު ކަމަކަށްވީ ނަމަވެސް މި އަހަރު އެ މައްސަލަ ވަނީ އެހެން އަހަރުތަކާ ހިލާފަށް ބޮޑުވެފަ އެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން އެގައުމުގައި އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ނުވަ މީހަކު މަރުވެ، ފަސް މިލިއަން ހެކްޓަރުގެ ބިން އަނދައި 1000 އަށް ވުރެ ގިނަ ގެޔަށް ގެއްލުން ލިބިފައި އެވެ.
އޭގެ ތެރެއިން އެންމެ ބޮޑަށް ރޯވެފައިވާ ނިއު ސައުތު ވޭލްސްގައި އަދިވެސް 85 އަލިފާންގަނޑު އަނދަމުންދާ ކަމަށް އާރުއެފްއެސްގެ ކޮމިޝަނަރު ޝޭން ފިޓްޒްސިމަންސް ވިދާޅުވި އެވެ.