ހދ. ހޮނޑާފުށި ރިސޯޓުން ވަކިކުރި މުވައްޒަފެއް ކަމަށްވާ ތ ގުރައިދޫ އަހުމަދު ޝިމްހާޒްގެ މަައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ނިންމައިފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ހައްގުގައި ވަކާލާތު ކުރާ ރާއްޖޭގެ ޖަމިއްޔާ ޓުއަރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ސެކެޓްރީ ޖެެނެރަލް މައުރޫފް ޒާކިރު "ސަން" އަށް މިއަދު ވިދާޅުވީ ޝިމްހާޒް ވަކިކުރި މައްސަލަ ޓްރައިބިއުނަލް އަށް ހުށަހަޅަން ކުރަން ޖެހޭ މަަސައްކަތްތައް ކުރުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެެވެ.

"ޝިމްހާޒްއަކީ މިހާރު އަޅުގަނޑުމެންގެ ޖަމިއްޔާގެ މެމްބަރެއް. އަޅުގަނޑުމެން އޭނާގެ ކޭސް ބަލައި ލޯޔަރުންނާއި ވާހަކަ ދައްކައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނަން. އިރާދަކުރެއްވިއްޔާ މި ބަންދަށްފަހު ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅޭތޯ މިއުޅެނީ" މައުރޫފް ވިދާޅުވިއެވެ.

ޝިމާޒް "ސަން" އަށް ބުނީ އޭނާ ރިސޯޓުގައި އަދާކުރަމުން ދިޔަ ސެކިއުރިޓީ އޮފިސަރުގެ މަގާމުން ވަކިކުރީ ފޭސްބުކް ޕޭޖްއެއް ކަމަށްވާ "ރިސޯޓް ބޯއިޒް އޮފް މޯލްޑިވްސް" އާ ގުޅުން ބާއްވައި ރިސޯޓްގެ އަގުޔ ވެއްޓޭ ގޮތަސް ވާހަކަ ދައްކާކަމަސް ތުހުމަތުކޮށް ކަމަށެވެ. ޝިމާޒް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ވަޒީފާއިން ވަކިކުރީ ރެެއެވެ.

ޝިމާޒް ބުނީ އޭނާ ވަޒީފާއިން ވަކިކުރިފަހުން ގިނަ ފަރާތްތަކުން ވަޒީފާތަކާއި އެކި އެހީތައް އޭނާއަށް ހުށަހަޅަމުންދާ ކަމަށެވެ. ނަމަވެސް އޭނާ ބުނީ މިވަގުތު އެންމެ މުހިންމީ އޭނާގެ މައްސަލަ ހައްލުކުރުން ކަމަށެވެ

" ހޮނޑާފުށީގައި މިވަގުތު އެބައުޅޭ އަހަރެން ކަހަލަ 17 މީހުން. " ޝިމާޒް ބުންޏެވެ.

ދާދި ފަހުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރިސޯޓްތަކުން ސާވިސް ޗާޖު ދޭވަރު ރަނގަޅު ކަމަށެވެ. ނަމަވެސް ފާޑުކިޔުންތައް އަމާޒުވުމުން އަލީ ވަހީދު ފަހުން ވަނީ މާފަށް އެދިވަޑައިގެންފައެވެ.

ޝިމްހާޒް ވަޒީފާއިން ވަކިކުރި ހޮނޑާފުށިން މިދިޔަ ނޮވެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ދިނީ އެންމެ 11 ޑޮލަރެވެ. އެ ރިސޯޓަކީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި ފ. ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާގެ އާއިލީ ކުންފުނި ކަމަށް ވާ ތްރީއޭއިން ހިންގާ ރިސޯޓެކެވެ.