ބަޣުދާދޫ (ޑިސެމްބަރު 31): އިރާގުގެ ވެރިރަށް ބަޣުދާދުގައި މުޒާހަރާ ކުރަމުން ދިޔަ ބަޔަކު އެމެރިކާގެ އެމްބަސީއަށް ވަދެ، އެ އިމާރާތުގެ ތެރޭ ރޯކޮށްލައިފި އެވެ.

ބަޣުދާދުގައި އެ މުޒާހަރާތައް ފެށީ، އީރާނާ ގުޅުން ހުރި ޖަމާއަތެއް ކަމަށްވާ ކަތާއިބު ހިޒްބުﷲއިން ބޭނުން ކުރާ އިރާގުގެ ތިން ސަރަހައްދަކަށް އެމެރިކާއިން މިދިޔަ އާދިއްތަ ދުވަހު ވައިގެ ހަމަލާތައް ދިނުމުންނެވެ. އެހަމަލާތަކުގައި 25 ހަނގުރާމަވެރިން މަރުވި އެވެ. އަދި އެ މީހުންގެ ޖަނާޒާތައް މިއަދު ވަނީ ބާއްވާފަ އެވެ.

އެ ޖަނާޒާތަކަށް ފަހު އެތައް ހާސް މީހުން ވަނީ ބަޣުދާދުގައި ސަރުކާރުގެ އޮފީސްތަކާއި އެމްބަސީތައް ހުންނަ ގްރީން ޒޯނާ ދިމާލަށް ހިނގަން ފަށާފަ އެވެ. އަދި އެމީހުން ގްރީން ޒޯނަށް ވަނުމަށް ސަލާމަތީ ފައުޖުތަކުން ހުއްދަ ދިނުމުން، މުޒާހަރާ ކުރާ މީހުން ވަނީ އެމެރިކާގެ އެމްބަސީގެ ކުރިމައްޗަށް އެއްވެފަ އެވެ.

އޭގެ ފަހުން މުޒާހަރާގެ ބައިވެރިން އެމެރިކާއާ ދެކޮޅަށް އަޑު އުފުލާ އެމްބަސީއާ ދިމާލަށް ގާ އުކަން ފެށި އެވެ. އަދި ބައެއް މީހުން ވަނީ އެމްބަސީގެ ބޭރުގައި ހުރި ސެކިއުރިޓީ ކެމެރާތައް ހަލާކުކޮށް، އިމާރާތުގެ ބޭރުގައި ރޯކޮށްފަ އެވެ.

އިރާގުގެ އެމްބަސީ ކައިރީ މުޒާހަރާ ކުރި މީހުން ވަނީ އިމާރާތުގެ ރިސެޕްޝަން ހުންނަ ތަނުގައި ރޯކޮށްފަ -- ފޮޓޯ: ރޮއިޓާސް

އެއަށް ފަހު މުޒާހަރާ އިތުރަށް ހޫނުވެ، އެމްބަސީގެ ގޭޓެއް ހަލާކުކޮށްލައިގެން އެތައް ސަތޭކަ މީހުން އެމްބަސީގެ ތެރެއަށް ވަނެވެ. އަދި އެމްބަސީގެ ރިސެޕްޝަން ހުންނަ ތަނުގައި ބަޔަކު ރޯކުރި ކަމަށް އަލްޖަޒީރާއިން ރިޕޯޓު ކުރި އެވެ.

ބައެއް ނޫސްތަކުގައިވާ ގޮތުން އެމެރިކާ ސިފައިން ވަނީ ކަރުނަ ގޭސް ޖަހައިގެން އެ މީހުން ފަހަތަށް ޖައްސާފަ އެވެ. އަދި އެ ހާދިސާ ހިނގުމުގެ ކުރިން އެމެރިކާ ސަފީރާއި މުވައްޒަފުން ވަނީ ރައްކާތެރިކަމާއެކު އެމްބަސީން ނެރެފަ އެވެ.

އެމެރިކާއިން ކަތާއިބު ހިޒްބުﷲގެ މަރުކަޒުތަކަށް ހަމަލާ ދިނީ އެ ޖަމާއަތުން މިދިޔަ ހުކުރު ދުވަހު އިރާގުގެ އަސްކަރީ މަރުކަޒަކަށް ރޮކެޓު ހަމަލާއެއް ދިނުމުންނެވެ. އެ ހަމަލާގައި އެމެރިކާ މީހަކު މަރުވެ، އެގައުމުގެ ހަތަރު ސިފައިން ޒަހަމްވި އެވެ. އަދި އެމެރިކާއިން ވަނީ އެގައުމުން ދިނީ "ދިފާއީ ހަމަލާތަކެއް" ކަމަށް ބުނެފަ އެވެ.

ނަމަވެސް އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހުދީ ވަނީ އެހަމަލާތައް ކުށްވެރި ކުރައްވާފަ އެވެ. އަދި އެމެރިކާއާ އެކު އޮތް ގުޅުންތައް އަލުން މުރާޖައާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އިރާގުގެ ސަރުކާރާ ދެކޮޅަށްވެސް މިހާރު އެގައުމުގައި ދަނީ ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ. މީގެ ދެމަސްކުރިން އެގައުމުގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ މުޒާހަރާތައް ފެށީ ކޮރަޕްޝަން އާންމުވެފައިވުމާއި ސަރުކާރުން ރައްޔިތުންނަށްދޭ އާންމު ހިދުމަތްތަކުގެ ފެންވަރު އާދަޔާ ހިލާފަށް ދަށްވުމާއި ވަޒީފާގެ ފުރުސަތުތައް ނެތުމާއި ރައްޔިތުންގެ އަތްމަތި ދަތިވެ ފަގީރުކަން އާންމުވުމުގެ ސަބަބުންނެވެ.

އެ މުޒާހަރާގެ ބައިވެރިން ވަނީ އީރާނުން އިރާގުގެ ދާހިލީ ކަންތައްތަކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެމީހުން ވަނީ އިރާގުގައި ހުންނަ އީރާނުގެ ދެ ކޮންސިއުލޭޓެއްގައި ރޯކޮށްފަ އެވެ.