އާ އަހަރާ ދިމާކޮށް މާލޭ ސިޓީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަނަށް އެއްވެސް އިރެއްގައި "ނިމޭ 19" ކިޔާފައި ނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ "ސަން" އަށް ވިދާޅުވީ، އެފަދަ ނަމެއް ފުލުހުންގެ އޮޕަރޭޝަނަކަށް ކީ ކަމެއް އެނގިފައި ނުވާ ކަމަށާއި އެފަދަ ނަމެއް ފުލުހުން އޮޕަރޭޝަނަށް އެއްވެސް އިރެއްގައި ކިޔާފައި ނުވާނެ ކަމަށެވެ.

ހުސްވި ޑިސެމްބަރު 23 އިން މިމަހު ހަތަރަކަށް ފުލުހުން ހިިންގާ އެ އޮޕަރޭޝަނަށް ކިޔަމުން އަންނީ 'އޮޕަރޭޝަން ރިވެލި" އެވެ.

މީޑިއާ އޮފިޝަލް އެގޮތަށް ވިދާޅުވި އިރު، "ނިމޭ 19" ފުލުހުންގެ އޮޕަރޭޝަނަށް ކިޔާ ކަމަށް ބުނެ، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށް ކޮމިޝަނާ އޮފް ޕޮލިސް އަށް ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގައި ބުނީ، "ނިމޭ 19" އެ ޝިޔާރު ރައްދު ވަނީ އެޕާޓީއިން މިދިޔަ ރައްޔިތުން މަޖިލިސް އިންތިހާބުގެ ކެމްޕޭންގައި ބޭނުންކުރި، "އެޖެންޑާ 19"އަށް ކަމަށެވެ. "އެޖެންޑާ 19" ޝިއާރަކީ އެ ޕާޓީގެ ފިކުރީ މުދަލެއް ކަމަށާއި، ފުލުހުންގެ އޮޕަރޭޝަނެއްގައި އެ ޝިއާރާ ގުޅޭ ނަމެއް ބޭނުން ކުުރުމަކީ ފުލުހުން ސިޔާސީވެފައިވާކަން ދޭހަކޮށްދޭނެ ކަމެއް ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ. އަދި އެކަމުގެ ސަބަބުން އެމްޑީޕީގެ ސިޔާސީ ކެމްޕޭންތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އެ ޕާޓީއިން ދެކޭތީ، އެފަދަ ނަމެއް ފުލުހުންގެ އޮޕަރޭޝަނަކަށް ނުދިނުމަށް ޕޮލިސް ކޮމިޝަނަރުގެ ކިބައިން އެ ޕާޓީއިން ވަނީ އެދިފަ އެވެ.