01 Jan 2020, 14:38
މީހުން ސަލާމަތްކުރުމަށާއި ރާއްޖޭގެ ކަނޑުތައް ބެލެހެއްޓުމުގެ ގޮތުން ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގެ ދަށުން ހިންގާ ކޯސްޓްގާޑްގެ ހިދުމަތަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ހާއްސަ ހަރާކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ ކޯސްޓްގާޑަށް 40 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އަހަރު ދުވަހަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ހިންގުމަށް ހަމަޖެހިފައިވާ އިޖްތިމާއީ ހަރަކާތްތަކުގެ ތެރޭގައި ލޭ ހަދިޔާކުރުމާއި، ފަޅު ސާފުކުރުމާއި ބީޗް ސާފުކުރުމުގެ އިތުރުން މުރަކަ އިންދުމުގެ ހަރަކާތެއް ހިމެނެއެވެ.
ކޯސްޓްގާޑްގެ ހިދުމަތަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ވަނީ ދިދަ ނެގުމުގެ ހާއްސަ ރަސްމިޔާތެއް ވެސް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ދުވަހާއި ގުޅޭގޮތުން ހާއްސަ ދުއާއެއް ކޮށްފައިވެއެވެ.

ކޯސްޓްގާޑްގެ ހިދުމަތަށް 40 ފުރިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެމްއެންޑީއެފް
ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކަނޑާއި ވައިގެ ބާރު އުފެދުނީ ސިފައިންގޭގައި ވަކި ޔުނިޓެއްގެ ގޮތުގައި ލޯންޗް ސެކްޝަނެއް ތައާރަފްކުރި ތާރީހު ކަމުގައިވާ 1980 ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިދުމަތް އެދުވަހު ފައްޓަވާފައި ވަނީ 6.95 މީޓަރުގެ އައުޓްބޯޓް އިންޖީނު އެޅި ތިން ލޯންޗާ އެކުއެވެ.
ރާއްޖޭގެ ސަރަހައްދާއި ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރައްދު ހިޔާމަތްކޮށް ބެލެހެއްޓުމަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ މުހިންމު އެއް މަސައްކަތެވެ. ހަމައެހެންމެ ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދީ އަދި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ސަލާމަތްކުރުމުގައި ވަކި މޫސުމަށް ބެލުމެއްނެތި 24 ގަޑިއިރު ރައްޔިތުންނަށް އެހީތެރިވުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އިސްވެ ހަރަކާތްތެރިވަމުން އަންނަނީ އެމްއެންޑީއެފް ކޯސްޓްގާޑުންނެވެ.