އީރާންގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީގެ މަރަށްފަހު އެ ފޯސްގެ ކޮމާންޑަރަކަށް ބްރިގޭޑިއާ ޖެނެރަލް އިސްމާއިލް ގާނީ އައްޔަނުކޮށްފިއެވެ.

ގާނީއަކީ ކުރިން ގުދުސް ފޯސްގެ ޑެޕިއުޓީ ކޮމާންޑަރުވެސް މެެއެވެ. އޭނާ އައްޔަނު ކުރީ މިއަދު އެވެ.

އީރާންގެ ރޫހީ ލީޑަރު އަލީ ޚާމަނާއީއާ ހަވާލާދީ އެގައުމުގެ ތަސްނީމް އޭޖެންސީއިން ބުނީ ސުލައިމާނީގެ މަރަށްފަހުވެސް ގުދުސް ފޯސް ކުރިއެކޭ އެއްގޮތަށް އޮންނާނެ ކަމަށެވެ.

ގުދުސް ފޯސްއަކީ އީރާނުގެ ސިފައިންގެ ތެރޭގައި އޮންނަ ހާއްސަ ޔުނިޓެއް ކަމަށްވާ ރިވޮލިއުޝަނަރީ ގާޑްގެވެސް ހާއްސަ ޔުނިޓެކެވެ. ގުދުސް ފޯސްއިން އާންމުކޮށް ހާއްސަވަނީ އިރާނުންގެ ބޭރުގައި ހިންގާ މިޝަންތަކާއި ސިއްރު ހަރަކާތްތަކަށެެވެ.

ގާސިމް އަވާހާރަކޮށްލައިފައިވަނީ އިރާގުގެ ބަޣުދާދުގެ މައި އެއާޕޯޓުން ކާރެއްގައި ނުކުންނަވަނިކޮށް އެމެރިކާއިން އިން ދިން ވައިގެ ހަމަލާއެއްގަ އެވެ. އެހަމަލާގައި އީރާނުގެ މަދަދު ލިބޭ އިރާގުގެ ހަނގުރާމަވެރި ގްރޫޕް އަޝްް އަލް ޝާބީގެ ކޮމާންޑަރު އަބޫ މަހުދީ އަލް މުހަންދިސްވެސް ވަނީ އަވަހާރަވެފަ އެވެ.

ޕެންޓަގަންއާއި ވައިޓް ހައުސްއިންވެސް ބުނީ އެ ހަމަލާ ދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ކަމަށެވެެ.

އީރާނުގެ ފޮރިން މިނިސްޓަރު ޖަވާދު ޒަރީފް އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވައި ވިދާޅުވީ މިއީ ބައިނަލްއަގުވާމީ ޓެރެރިޒަމްގެ އަމަލެއް ކަމަށެވެ.

ގާސިމް ސުލައިމާނީއަކީ ތަޖުރިބާގެ ގޮތުން ވެސް އީރާނުގެ އެންމެ ކުޅަދާނަ ކޮމާންޑަރެވެ. އޭނާ ފާހަހަކޮށްލެވިފައިވަނީ ވަރަށް ޖެހިލުންކުޑަ ކޮމާންޑަރެއްގެ ގޮތުގަ އެވެ. އިސްރާއިލްއާ ލުބްނާނާ 2006 ވަނަ އަހަރު ކުރި ވަރުގަދަ ހަނގުރާމައިގެ ތެރޭވެސް ސިއްރިޔާތުގައި ލުބްނާނަށް ވަޑައިގެން އީރާނުގެ މަދަދު ލިބޭ ހިޒްބުﷲއަށް އިރުޝާދު ދިނުމުގައި އަމަލީގޮތުން ބައިވެރިވި އެވެ. އޭގެ އިތުރުން، ސީރިއާއިން ހައްދުު ފަހަނައެޅި އައިއެސްއާއި އެހެނިހެން ޓެރެރިސްޓު ގްރޫޕްތަަކާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމުކުރިއިރު ސީރިއާއަށްވެސް ވަޑައިގެން އުޅުއްވި އެވެ.