05 Jan 2020, 08:49
ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ އަންހެން ދަރިފުޅު އަލައިއާ ފަރުނީޗަރުވާލާ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ޖަވާނީ ޖާނެމަން"ގެ ޕޯސްޓަރެއް އާންމުކޮށްފި އެވެ.
ބޮލީވުޑަށް ތައާރަފްވާ ބަތަލާ އަލައިއާ އެކު ފިލްމުގެ ޕޯސްޓަރެއް އާންމުކޮށްފައިވާ އިރު އެ ޕޯސްޓަރަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެ ފިލްމުން ސައިފް ފެނިގެންދާއިރު ޕޫޖާގެ ދަރިފުޅު އަލައިއާ ފިލްމުން ފެނިގެންދާނީ ސައިފްގެ ދަރީގެ ރޯލުންނެވެ.
މިހާރު ފިލްމު އަޅުވާނީ މިމަހުގެ 31 ވަނަ ދުވަހު އެވެ. ސައިފް އަލީ ޚާންގެ ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސް އިން ޕްރޮޑިއުސްކުރާ އެ ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. އެ ފިލްމަކީ އަންހެން ކުއްޖަކާއި ދުވަސްވީ ކަމަށް ގަބޫލުނުކުރާ ހިތް ޒުވާން ބައްޕައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
ފިލްމުގެ ޓީޒާ މިހާރު އާންމުކޮށްފައިވާ އިރު އެ ފިލްމުގެ ޓްރެއިލާ އަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.