08 Jan 2020, 15:50
އޮސްޓްރޭލިޔާގެ ޖަންގަލީގެ ރޯވެ ފެތުރެމުންދާ އަލިފާނުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށް ހަމްދަރުދީ ފޮނުއްވައިފި އެވެ.
ރައީސްގެ މެސެޖުގައި އޮސްޓްރޭލިޔާގެ ޖަންގަލީގައި ރޯވެ ފެތުރެމުންދާ އަލިފާނުގެ ސަބަބުން އެތައްބައެއްގެ ފުރާނަގެއްލި، ގެދޮރާއި ތަކެއްޗާއި ގުދުރަތީ ދިރުންތަކަށް ލިބެމުންދާ ގެއްލުންތަކަކީ ސިހުން ލިބިވަޑައިގެންނެވި ބޮޑެތި ގެއްލުންތަކެއްކަމުގައި ވިދާޅުވެފައިވެ އެވެ.
އޮސްޓްރޭލިއާ އަކީ ރާއްޖެއާ ވަރަށް ގާތްރަޙުމަތްތެރި ގުޅުމެއް އޮންނަ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްކަން ފާހަގަކުރައްވާ، މިދަތި އުނދަގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ހިތުގެ އިހުލާސްތެރި ހަމްދަރުދީ އޮސްޓްރޭލިޔާގެ ސަރުކާރާއި ރައްޔިތުންނަށް ރައީސް ވަނީ ފޮނުއްވައިފަ އެވެ.
ރައީސްގެ މެސެޖުގައި، އޮސްޓްރޭލިޔާގެ ޖަންގަލީގައި ރޯވެ، ފެތުރެމުންދާ އަލިފާނުގެ ސަބަބުން ދިރިއުޅޭ މާހައުލާއި އަދި ދިރުންތަކަށް ލިބެމުންދާ ގެއްލުންތަކުން ދޭހަކޮށްދެނީ ތިމާވެއްޓާމެދު އިންސާނުންގެ އަމަލުތައް ބެހެއްޓޭ ނުރަނގަޅު ގޮތްތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް އިތުރަށް ގޯސްވަމުންދާ މިންވަރުކަން ފާހަގަކުރައްވާފައި ވިދާޅުވީ ތިމާވެށީގެ ކުއްލި ހާލަތްތަކުން އަރައިގަތުމަށް ދުނިޔޭގެ ގައުމުތައް ގުޅިގެން ކުރެވޭ މަސައްކަތުގައި ބައިވެރިވެ ކުރިޔަށްދިއުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮންނާނެކަމަށެވެ.
ހާއްސަކޮށް މިހާރު އޮސްޓްރޭލިޔާގެ ޖަންގަލީގައި ރޯވެ ހިނގަމުންދާ އަލިފާނުގެ ހާދިސާތަކުގައި ވެސް އޮސްޓްރޭލިޔާގެ ރައްޔިތުންނާ އެކުގައި ރާއްޖޭގެ ރައްޔިތުން ތިބިކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް ވަނީ މި ހާދިސާގެ ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެ އެވެ.
އޮސްޓްރޭލިޔާގެ ޖަންގަލީގައި ރޯވެ ފެތުރެމުންދާ އަލިފާނުގެ ސަބަބުން މިހާތަނަށް 25 މީހަކު މަރުވެ 10 ހެކްޓަރުގެ ސަރަހައްދެއް އަނދައިގެން ގޮސްފައިވެ އެވެ.
އަދި އަލިފާނުގެ ސަބަބުން ހަމައެކަނި ސައުތު ވޭލްސް ސަރަޙައްދުން ވެސް ބައި މިލިޔަނަށް ވުރެ ގިނަ ޖަނަވާރު މަރުވެ ގޮސްފައިވާ ކަމަށް އަންދާޒާ ކުރެވެ އެވެ.