މާލޭ މަގުތަކުގައި ޕާކުކުރުމަށް ހުރި ދަތިތަކަށް ހައްލު ހޯދުމަށް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ މަގުމައްޗަކީ އެންމެނަށް ސަލާމަތްތެރި އަދި ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުން 24 ގަޑިއިރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މާލޭގެ މަގުތަކުގައި ޕާކު ކުރުމަށްހުރި ދަތިތަކާއި ގަވާއިދާ ހިލާފަށް ޕާކު ކުރުމުން، މަގުމަތި ބޭނުންކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް، ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް އެކަމުގެ ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މާދަމާ ސްކޫލުތައް ހުޅުވޭއިރު، ސްކޫލްތައް ހުޅުވުމުން މާލޭގެ ޓްރެފިކަށް އަންނާނެ ބަދަލުތަކާ އެއްގޮތަށް ފުލުހުންގެ މަސައްކަތް ތަކަށްވެސް ބަދަލު އަންނާނެ ކަމަށާއި ހާއްސަކޮށް ސްކޫލުތައް ހިމެނޭ ސަރަހައްދު ތަކުގައި ފުލުހުންގެ ދައުރު ފުޅާ ކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"ފުލުހުންގެ އެދުމަކީ މަގުމަތި ބޭނުން ކުރައްވާ އެންމެހައި ބޭފުޅުންވެސް، ހެދިފައިވާ އެންމެހައި ގަވާއިދު ތަކަށް ހުރުމަތްތެރިކޮށް ހިއްތެވުން،" ފުލުހުން ބުންޏެވެ.

ޓްރެފިކްގެ ގަވާއިދުތައް ތަންފީޒުކުރުމަށް ޓްރެފިކް ބަލަހައްޓާ ފުލުހުން އުފުލަންޖެހޭ ބުރަ، ލުއިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު އަންނަ ހަފްތާގައި މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ރޭ ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ މިދިޔަ އަހަރުގެ ޓްރެފިކް މައްސަލަތަކުގައި ފިޔަވަޅު އެޅުނު ގޮތުގެ ތަފްސީލު ރިޕޯޓު އާންމުކުރައްވަމުން ސީޕީ ވިދާޅުވީ މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް އޮފިސަރުން ކޮންމެ ދުވަހަކުވެސް ގިނަ ވަގުތުތަކެއް ހޭދަކުރާ ކަމަށެވެ.

ޓްރެފިކް ޑިޕާޓްމަންޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެކަނި ވެސް 69،552 ޓްރެފިކް މައްސަލައާ ގުޅިގެން ވަނީ ފިޔަވަޅު އަޅައިފައެވެ.

އޭގެ ތެރޭގައި އެންމެ ގިނައީ ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ މައްސަލަތަކެވެ. ގަވާއިދާ ހިލާފަށް ޕާކުކޮށްގެން މިދިޔަ އަހަރު 36،963 ވަޔަލޭޝަން ސްޓިކާ ޖެހި އިރު، ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވުމުގެ 7500 އަށް ވުރެ ގިނަ މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާފައިވެއެވެ.

އަދި މިދިޔަ އަހަރު 2840 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.