12 Jan 2020, 12:34
ކްލާހެއްގައި 25 ކުދިންނަށް ވުރެ އިތުރުނުވާ ގޮތަށް ހެދި ފުރަތަމަ ސަރުކާރުގެ ސްކޫލަކަށް އިއްޒުއްދީން ސްކޫލްވެއްޖެ އެވެ.
ކުރިން މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި އިމާރާތް އަލުން މަރާމާތުކުރުމަށް ފަހު އިއްޒުއްދީން ސްކޫލްގެ ނަމުގައި ހެދި ސްކޫލް މިއަދު ހެނދުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވަނީ ހުޅުވައިދެއްވައިފަ އެވެ. ގްރޭޑް އެކަކުން ހަޔަކަށް ކިޔަވައިދޭ އެ ސްކޫލްގެ ކިޔެވުން ފެށީ 209 ދަރިވަރުންނާއެކު އެވެ.
މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ރައީސް ސޯލިހް ވިދާޅުވީ ކުދިންނަށް ކިޔަވައިދިނުމާއެކު ރިވެތި އަހުލާގަކާ އެކު ކުދިން ތަރުބިއްޔަތުކުރަން ސްކޫލުތަކުން އެހީވެދޭނެ ކަމަށެވެ. އަދި އެކުދިންގެ ގައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން ކުރިއެރުވުމަށް ސްކޫލްއިން މަގުފަހިކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިފަދަ ކަންކަން ރައްޔިތުންނަށް ފަހިކޮށްދިނުމަށްޓަކައި މި ސްކޫލްގެ ކްލާސްތަކަަށް ދަރިވަރުން ބަހާލައިފައިވަނީ ކްލާހެއްގައި 25 ދަރިވަރުންނަށްވުރެ އިތުރު ނުވާ ގޮތަށް. މިއީ ސަރުކާރު ސްކޫލެއް މިގޮތަށް އިންތިޒާމްކުރެވޭ ފުރަތަމަ ފަހަރު. އެކަމުގެ ހެޔޮ ބަދަލު ދަރިވަރުންގެ ކިބައިން އިރާދަކުރެއްވިއްޔާ ފެންނަން ފަށާނެ." ރައީސް ސޯލިހް ވިދާޅުވި އެވެ.

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
ކްލާހުގައި 25 ކުދިންނަަށް ވުރެ އިތުރު ނުވާގޮތަށް ހެދުމުން އޭގެ ފައިދާ ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް ކުރާނެކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ސްކޫލްގެ ހުރިހާ އިންތިޒާމްތައް ހަމަޖައްސައިފައިވަނީ އަމިއްލަ ނަފްސާއި މުޖުތަމައުގެ ކުރިއެރުމާއި ގައުމުގެ ހެވާއި ލާބަޔަށް މަސައްކަތް ކުރާނެ ދަރިންތަކެއް އުފެއްދުމަށް ކަމަށެވެ. އަދި 21 ވަނަ ގަރުނުގެ އީޖާދީ ދިރިއުޅުމަށް ލޯތައް ހުޅުވި ސިކުނޑިތައް ފައްކާވެފައިވާ ދަރިވަރުންތަކެއް މި ސުކޫލުގެ ތެރެއިން ބިނާވެގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ތައުލީމީ ހިޔާވަހިކަން ލިބޭ ކޮންމެ ދަރިވަރަކީވެސް ދީނަށް ލޯބިކުރާ އަހުލާގު ރަނގަޅު ގައުމަށް ވަފާތެރި ދަރިވަރަކަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ކޮންމެ ދަރިވަރަކުވެސް ސްކޫލް ނިމޭއިރު ހުންނާނީ ހަޔާތުުގެ ގޮންޖެހުންތަކާއި ކުރިމަތިލާ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ކުއްޗަކަށް ވެފައި ކަމަށެވެ.
" އަޅުގަނޑުމެން މާނަކުރާ ތަރައްގީއަކީ ވަށާ ޖެހިފަިއވާ ތަރައްގީގެ ނިޒާމެއް. ތަރައްގީއަކީ އިންސާނާގެ ސިކުނޑިން އުފެދިގެން އަންނަ އުފެއްދުންތެރި އީޖާދީ ވިސްނުމެއް. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެފަދަ ވިސްނުން އުފެދޭވަރަށް ދިވެހި ކޮންމެ ދަރިވަރެއްގެ ސިކުނޑި ތަރައްގީކޮށްދޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ހުރިހާ ކުދިންވެސް ސްކޫލަށް އަންނަނީ ކިޔަވަން ކަމަށާއި އެހެންނަމަވެސް ހަގީގީ ކިޔެވުމަކީ ހަމައެކަނި މުދައްރިސުން ދޭ ފިލާވަޅުތައް ދަސްކުރުމެއް ނޫންކަމަށެވެ. ގިނަ ކުދިންތަކެއް، އެއް ތަނެއްގައި ތިބެގެން ކިޔަވަނީ، ވަރަށް މުހިންމު ބޭނުމެއްގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ ބޭނުމަކީ އެއް ކުއްޖަކު އަނެއް ކުއްޖަކަށް އޯގާތެރިވާން ދަސްކޮށްދީ އެކަކު އަނެކަކަށް އިހުތިރާމުކޮށް އެހީތެރިވެ ލޯތްބާއެކު އެކުވެރިކަމާއެކު އުޅެން ދަސްކުރަން ކަމަށެވެ.