13 Jan 2020, 09:32
އެޗްބީއޯއިން ގެނެސްދޭ އެންމެ ކާމިޔާބު ޝޯތަކުގެ ތެރޭގައި ހިމެނޭ "ވެސްޓްވޯލްޑް"ގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ތިން ވަނަ ސީޒަން މާޗު މަހުގައި ދައްކަން ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އެޗްބީއޯ އިން ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި އަންނަ މާޗު މަހުގެ 15 އިން ފެށިގެން ވެސްޓްވޯލްޑުގެ ތިން ވަނަ ސީޒަން ދައްކަން ފަށާނެ އެވެ.
ޝޯގެ ތިން ވަނަ ސީޒަން ފަށާއިރު އެ ޝޯގެ އޮރިޖިނަލް ކާސްޓުގެ ތެރޭގައި ހިމެނޭ ގިނަ ކެރެކްޓަރުން ފެނިގެންދާނެ އެވެ. އެގޮތުން އެވަން ރޭޗަލް ވުޑް އާއި ޓެސާ ތޮމްޕްސަން އާއި އެޑް ހެރިސް އަދި ތޭންޑީ ނިއުޓަން އެ ޝޯއަށް އެނބުރި އައުމަށް ވަނީ ހަމަޖެހިފަ އެވެ.
އެޗްބީއޯއިން ޝޯ ދައްކާ ތާރީހު އިއުލާން ކުރުމަށް އާންމުކުރި ވީޑިއޯއިން އެންމެ ފަހުން އެ ޝޯގެ ޓައިމްލައިން އެނގިގެންދެ އެވެ. އެގޮތުން ޝޯގެ އެންމެ މުހިއްމު ޓައިމްލައިން އަކީ 2058 އެވެ. އެއީ ވެސްޓްވޯލްޑްގައި ދައްކާ ކަންތައްތައް ސެޓުކޮށްފައިވާ ޓައިމްލައިން އެވެ.
ސެންޑިއޭގޯގައި ބޭއްވި އެންމެ ފަހުގެ ކޮމިކް ކޯން ކޮންވެންޝަންގައި އެޗްބީއޯއިން ވަނީ އެ ޝޯގެ ތިންވަނަ ސީޒަންގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފަ އެވެ. އަދި ޝޯއަށް މުޅިން އާ ކެރެކްޓަރެއް އަންނާނެ ކަމަށް ވެސް އެޗްބީއޯ އިން ބުންޏެވެ. "ކޭލެބް" ނަމަކަށް ކިޔާ ކެރެކްޓަރުގެ ރޯލުން ފެނިގެންދާނީ "ބްރޭކިން ބޭޑް"ގެ އޭރަން ފޯލް އެވެ.